ދެ އިންތިޚާބު އެއްކޮށްލަން ތާއީދުކޮށް މީގެކުރިން ވާހަކަ ދައްކަވަމުން ގެންދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނުއަސާސީއަށް ގެންނަ އިސްލާހާ ދެކޮޅަށް، ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ވިދާޅުވާނެކަން ހާމަކުރައްވައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ހިމެނޭ ވަޓްސްއަޕް ގްރޫޕެއްގައި ހިއްސާކުރެއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެ ޕާޓީން ނިންމި ނިންމުމަށް ތާއީދުކުރައްވާ ކަމަށެވެ. އަދި އަންނަ އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިހާބާ އެކު ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، އެ ބަދަލާ ދެކޮޅަށް ވޯޓު ދެއްވަން ތައްޔާރަށް ހުންނެވިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ބަދަލާ ދެކޮޅަށް ވާހަކަދައްކަވަމުން ނަޝީދު ފާހަގަކުރެއްވީ ޑިމޮކްރަސީ ހިންގުމަށް ކުރަންޖެހޭ ހޭދައަކީ ބޮޑު އެއްޗެއް ނޫން ކަމަށެވެ. ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ސަބަބުން ޓެކްސްގެ ނިޒާމު ހަރުދަނާވެ، ދައުލަތަށް ލިބޭ އާމްދަނީ ތިން ބިލިއަނަށް ވުރެ އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ތަރައްގީއަށް އެންމެ ބޮޑަށް މަގުފަހިވަނީ އިންތިހާބުތައް ބާއްވައިގެން ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށްގެންނެވެ.
ރައްޔިތުންގެ ބައިވެރިވުން ކުޑަވާ ގޮތަށް ކުރާ ކަންކަމަށް އާންމުންގެ ތާއީދު ނުލިބޭނެކަމަށް ވިދާޅުވަމުން ނަޝީދު ވަނީ އެ އިސްލާހާ ދެކޮޅުކަން ތަކުރާރު ކުރައްވާފަ އެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް، މިކަން ތަސްދީގު ކުރެވޭނީ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން އަޣުލަބިއްޔަތު ލިބިގެންނެވެ.
ކޮމެންޓު ފޮނުވާ