ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި ފޮށިގަނޑެއްގެ ތެރޭގައި ހުރި ފޮތްތަކެއްގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށް ސާބިތުވެ، އެ ފޮށިގަނޑާ ހަވާލުވާން ދިޔަ މީހާ 18 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޖަދުވަލު އެކެއްގެ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައިވަނީ ސ. މީދޫ، ހުދުވިލާ، އަލީ މުފާވިޒްގެ މައްޗަށެވެ. އޭނާގެ މައްޗަށް ޖަލު ހުކުމުގެ އިތުރުން 75،000 ރުފިޔާގެ ޖޫރިމަނާއެއް ވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ދައުލަތުން އުފުލި ދައުވާގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މުފާވިޒް ޕޯސްޓް އޮފީހަށް ދިޔައީ އެހެން މީހެއްގެ ނަމުގައި އައިސްފައިވާ ފޮށިގަނޑެއް ނަގާށެވެ. އެ ފޮށިގަނޑުގެ ވެރިފަރާތުގެ އައިޑީކާޑު ކޮޕީއަކާއި ސިޓީއެއް ހިފައިގެން އޭނާ ދިޔަ ނަމަވެސް، ކަސްޓަމްސުން އެ ތަކެތި ބަލައި ފާސްކުރިއިރު، ފޮށިގަނޑުގައި ހުރި ފޮތްތަކުގެ ތެރޭގައި ފޮރުވާފައި ހުރި އެއް ކިލޯއަށްވުރެ ގިނަ މެތުކެތިނޯން (މަސްތުވާތަކެތި) ވަނީ ފެނިފައެވެ.
މި ތަކެތި ފެނުމާ ގުޅިގެން ފުލުހުން ވަނީ އެ ތަކެތީގެ ހަގީގީ ވެރިފަރާތް ހޯދުމަށް "ކޮންޓްރޯލްޑް ޑެލިވަަރީ" އޮޕަރޭޝަނެއް ހިންގަން މަސައްކަތްކޮށްފައެވެ. ނަމަވެސް މުފާވިޒް އެ ފޮށިގަނޑު ބަލައިދިޔައީ މީހަކު ބުނެގެންކަމަށް ބުނި ނަމަވެސް، އޭނާ ދިން ނަންބަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދިނުމުގެ ސަބަބުން އެ އޮޕަރޭޝަން ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. ޝަރީއަތުގައި މުފާވިޒް ދިފާއުގައި ބުނެފައިވަނީ އެއީ ޑެލިވަރީ އޯޑަރެއް ފުރިހަމަ ކުރުމަށް ކުރި ކަމެއް ކަމަށާއި، އޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށެވެ.
ނަމަވެސް ގާޒީގެ ހުކުމުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މުފާވިޒްގެ އަމަލުތައް ހުރި ގޮތުންނާއި ހެކިންގެ ބަހަށް ބަލާއިރު، އޭނާއަކީ މި މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އޭގެ މަންޒިލާ ހަމައަށް ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ފަރާތެއްކަން ސާބިތުވެއެވެ. އަދި އެ މަސައްކަތް ހަވާލުކުރި މީހާގެ މައުލޫމާތު ސިއްރުކޮށް، ކަމާގުޅޭ ދޮގު މައުލޫމާތު ދީފައިވާތީ، އޭނާގެ ކިބައިގައި ކުށުގެ ނިޔަތް އޮތްކަން އެނގޭކަމަށް ވެސް ހުކުމުގައިވެއެވެ. އެހެންކަމުން ކުށުގެ ރުކުންތައް ފުރިހަމަވާތީ ކޯޓުން ވަނީ އޭނާ ކުށްވެރިވާކަމަށް ކަނޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ