ވެމްކޯގެ މުވައްޒަފުން މަސައްކަތްކުރާ މާހައުލުގެ ރައްކާތެރިކަން ކުޑަވެ، ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ އެކަން ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އަވަސް ތަހުގީގެއް ފަށައިފިއެވެ.
އެ ކޮމިޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ތަހުގީގު ހިންގުމަށް ނިންމީ ކޮމިޝަނުގެ ބައްދަލުވުމަކުން ފާސްކޮށްގެންނެވެ. މި ތަހުގީގުގެ މައިގަނޑު އަމާޒަކީ ވެމްކޯގެ އޮޕަރޭޝަންތަކުގައި މުވައްޒަފުންނަށް ދިމާވާ ނުރައްކާތަކާއި އަނިޔާތައް ހުއްޓުވުމަށް އެކުލަވާލާފައިވާ "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު" ޕްރޮޓޮކޯލްތައް ތަންފީޒުކުރެވެމުންދާ މިންވަރު ދެނެގަތުމެވެ.
އެޗްއާރުސީއެމުން މި ފިޔަވަޅު އަޅާފައި މިވަނީ، މިދިޔަ އާދިއްތަ ދުވަހު މާލޭގެ ވެމްކޯ ސައިޓުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި އެތަނުގެ ޑްރައިވަރެއް ކަމަށްވާ ހަސަން ނަޒީރަށް ބޮޑެތި އަނިޔާތަކެއް ވެ، ވެންޓިލޭޓަރުގައި ފަރުވާދޭން ޖެހިފައި ވަނިކޮށެވެ. މީގެ އިތުރުން، މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ތިލަފުށީ ސައިޓުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މުވައްޒަފެއް ކަމަށްވާ އަމީން މިއާ ވެސް ވަނީ މަސައްކަތުގެ މާހައުލުގައި ހިނގި ހާދިސާއެއްގައި މަރުވެފައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އަމީން މިއާ މަރުވީ އެކްސްކެވޭޓަރަކުން ކުނި ނަގަމުން ދަނިކޮށް އޭގެ ދަތްގަނޑުން ޖެހި، ކުނިތަކުގެ ދަށުވެގެންނެވެ. އެ މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު ދުއްވަން އިން ޑްރައިވަރު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ކައިރި ކައިރީގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ ވެމްކޯގެ ސަލާމަތީ ފިޔަވަޅުތަކާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ކޮމެންޓު ފޮނުވާ