ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ޒަމާނީ ހެޔޮ ބަދަލެއް: ޑރ. ޝަހީމް

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ޒަމާނީ ހެޔޮ ބަދަލެއް: ޑރ. ޝަހީމް

Author
އަހުމަދު
24 ފެބްރުއަރީ 2026 11:22
0

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭނެ ޒަމާނީ ހެޔޮ ބަދަލެއްކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މައި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، މީސްމީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މިއީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައިވެސް އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށެވެ. އަދި ސިޔާސީ ހަމަޖެހުމާއި ގައުމުގެ ތަރައްގީގެ ނަޒަރަކުން ބެލިކަމުގައި ވިޔަސް މިއީ ރަނގަޅު ނިންމުމެއްކަމަށް ދެކެވަޑައިގަންނަވާކަން ހާމަކުރައްވައި، މި ވިސްނުމާއެކު ކުރިއަށް ދިޔުމަށް ޑރ. ޝަހީމް ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

މި ދެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނާނެ އުސޫލު ކަނޑައެޅުމަށް ގާނޫނުއަސާސީއަށް ގެނައުމަށް ފާސްކޮށްފައިވާ 8 ވަނަ އިސްލާހުގެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން، އެކަމާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގަރާރަކުން ނިންމަވާފައެވެ. މި ވޯޓުގައި ރައްޔިތުންނާ ކުރެވޭނެ ސުވާލަކީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ފާސްކޮށްފައިވާ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯއެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރުގައިވާ ގޮތުން، މި އާންމު ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހު ކަމަށްވާ އަންނަ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.