އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި 26،000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރި ގޮތުގައި، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގައި ޖުމްލަ 26،454 ފަރާތަކުން ވަނީ އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވެފައެވެ. މި ޢަދަދުތަކަށް ބަލާއިރު 21 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ބޭނުންވާ ޢަދަދަށް މީހުން ރަޖިސްޓްރީވެފައިވާތީ އެ ރިސޯޓުތަކުގައި ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، ރާއްޖެއިން ބޭރުގެ އެއްވެސް ޤައުމެއްގައި ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ ޢަދަދަށް މީހުން ރަޖިސްޓްރީވެފައި ނުވާތީ، މިފަހަރުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ޔަޤީންކުރުމަށްޓަކައި އީސީގެ ރަސްމީ ވެބް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް މިހާރު ޗެކް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އާންމުކޮށް އިންތިޚާބުތަކުގައި ރީ-ރަޖިސްޓްރީވުމަށް ގިނަ ބަޔަކު ފަހު ވަގުތު ހުށަހެޅި ނަމަވެސް، މިފަހަރު އެކަށީގެންވާ ޢަދަދަކަށް މީހުން ކުރިއާލާ ރަޖިސްޓްރީވެފައިވާކަން ފާހަގަކުރެވެއެވެ.
މި އިންތިޚާބަކީ ތަފާތު ތިން ވޯޓެއް އެއްފަހަރާ ނެގިގެންދާނެ އިންތިޚާބެކެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހޮވުމުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުވެސް މި އިންތިޚާބުގެ ތެރޭގައި ކުރިއަށްދާނެއެވެ.
ކޮމެންޓު ފޮނުވާ