ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕެއިންގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހެންވޭރު ހުޅަނގު ދާއިރާގެ ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބައްލަވައިފިއެވެ.
މިއަދު މެންދުރުފަހު 1:30 ހާއިރު ފެއްޓެވި މި ހަރަކާތް ގަޑިއިރެއްހާއިރަށް ކުރިއަށް ގެންދެވިއިރު، ރައީސް ވަނީ އެ ސަރަހައްދުގެ ބައެއް ގެތަކަށް ވަދެވަޑައިގެން އާންމުންނާ ބައްދަލުކުރައްވާފައެވެ. އަދި ހިނގާފައި ވަޑައިގެންނެވިއިރު މަގުމަތިން ދިމާވި ރައްޔިތުންނާ ވެސް ސަލާމްކުރައްވައި ހާލުއަހުވާލު އޮޅުންފިލުއްވިއެވެ. މިއީ އިންތިހާބާ ދިމާކޮށް ރައީސް ފެއްޓެވި "ޑޯޓުޑޯ" ސިލްސިލާގެ ތިންވަނަ ދުވަހެވެ. މި ހަރަކާތް ފައްޓަވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ރައީސްގެ މި ޒިޔާރަތުގައި ސަރުކާރުގެ ވަޒީރުންނާއި، ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ. ޚާއްސަކޮށް، ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، އަންހެނުންގެ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އައިޝާ އަލައިކާގެ އިތުރުން އެ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ވެސް ރައީސްގެ އަރިހުގައި މި ހަރަކާތުގައި ޝާމިލުވިއެވެ.
އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހް ވިދާޅުވެފައިވާ ގޮތުގައި އެ ޕާޓީގެ އަމާޒަކީ 800 އާއި 900 އާ ދެމެދުގެ އަދަދަކަށް ގޮނޑި ކާމިޔާބު ކުރުމެވެ. އިންތިހާބަކާ ނުލައި މިހާރުވެސް ޕީއެންސީން ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް ހިމެނޭހެން 70 ގޮނޑި ކަށަވަރުކޮށްފައިވާއިރު، އިދިކޮޅު އެމްޑީޕީއަށް މިގޮތަށް ލިބިފައިވަނީ 6 ގޮނޑިއެވެ. އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މައިގަނޑު ވާދަވެރިކަން އޮތީ ޕީއެންސީ އާއި އެމްޑީޕީއާ ދެމެދުގައެވެ.
ކޮމެންޓު ފޮނުވާ