ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރީގައި ކ. އަތޮޅު: މިއަހަރު މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރީގައި ކ. އަތޮޅު: މިއަހަރު މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި

Author
އަހުމަދު
20 ފެބްރުއަރީ 2026 12:30
0

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ކ. އަތޮޅު ކަމަށާއި، އެ އަތޮޅަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އަރާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ޖުމްލަ 390،004 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 360،401 ފަތުރުވެރިންނާ އަޅާބަލާއިރު 8.2 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރީ ކ. އަތޮޅަށެވެ. އެގޮތުން 166،867 ފަތުރުވެރިން އެ އަތޮޅަށް ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ދިޔަ އދ. އަތޮޅަށް ޒިޔާރަތްކޮށްފައިވަނީ 35،451 ފަތުރުވެރިންނެވެ. އަދި ތިންވަނައިގައި އޮތް އއ. އަތޮޅަށް ޒިޔާރަތްކުރީ 31،870 ފަތުރުވެރިންނެވެ.

ކ. އަތޮޅަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު އެއް ސަބަބަކީ އެ އަތޮޅުގައި ޓޫރިސްޓް އެނދު ގިނަވުމެވެ. ރާއްޖޭގެ އޮޕަރޭޝަނުގައި ހުރި 67،027 އެނދުގެ ތެރެއިން 24،864 އެނދު ނިސްބަތްވަނީ ކ. އަތޮޅަށެވެ. އޭގެ ތެރޭގައި 15،566 ރިސޯޓު އެނދާއި، 7،694 ގެސްޓްހައުސް އެނދުގެ އިތުރުން 1،604 ހޮޓާ އެނދު ހިމެނެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބޮޑު ބައެއް، އެއީ ގާތްގަނޑަކަށް 3.8 ލައްކަ މީހުންނަކީ ޗުއްޓީ ހޭދަކުރުމަށް އައި މީހުންނެވެ. ނަމަވެސް ވިޔަފާރި ބޭނުންތަކަށް 1،345 މީހުންނާއި، ކްރޫޒްލައިނާ މެދުވެރިކޮށް 1،065 ފަތުރުވެރިންވެސް މި މުއްދަތުގައި ރާއްޖެ އައިސްފައިވެއެވެ. މިހާރުގެ ޓްރެންޑަށް ބަލާއިރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7،959 ފަތުރުވެރިން އަންނައިރު، މިމަހުގެ 14 ވަނަ ދުވަހު ރެކޯޑު އަދަދަކަށް، 11،136 މީހުން ރާއްޖެ އެތެރެވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބެމުން އަންނައިރު، މިދިޔަ އަހަރު ރާއްޖެއިން ވަނީ 2.2 މިލިއަން ފަތުރުވެރިން ގެނެސް ރެކޯޑެއް ހަދާފައެވެ. ސަރުކާރުގެ މިއަހަރުގެ އަމާޒަކީ މި އަދަދު 2.5 މިލިއަނަށް އިތުރުކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.