އިންޑިއާގައި ބާއްވާ ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި "ހުރަވީ" ބައިވެރިވެއްޖެ

އިންޑިއާގައި ބާއްވާ ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި "ހުރަވީ" ބައިވެރިވެއްޖެ

Author
ޙަސަން މުޙައްމަދު
20 ފެބްރުއަރީ 2026 12:28
0

އިންޑިއާގެ ވިޝާކަޕަޓްނަމްގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި ބައިވެރިވުމަށް، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް މަނަވަރު "ހުރަވީ" އިން އެ ހަރަކާތުގައި ބައިވެރިވެއްޖެއެވެ.

މި މަހުގެ 15 އިން 25 ގެ ނިޔަލަށް ކުރިއަށްގެންދާ މި ބޮޑު އަސްކަރީ ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަސްކަރީ އުޅަނދުތައް އެއްތަނަކަށް ޖަމާވެ، ބާއްވާ ހާއްސަ ހަރަކާތެކެވެ. މި އަހަރުގެ ފްލީޓް ރިވިއުގައި ޖުމްލަ 74 ގައުމަކުން ބައިވެރިވެފައިވާއިރު، މިއީ އެކި ގައުމުތަކުގެ މެދުގައި އަސްކަރީ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. މި ހަރަކާތުގައި ޖުމްލަ 85 އަސްކަރީ އުޅަނދު ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި އިންޑިއާ ކަނޑުގެ ސިފައިންގެ 66 އުޅަނދާއި ބޭރު ގައުމުތަކުގެ 19 އުޅަނދެއް ހިމެނެއެވެ. މީގެ އިތުރުން އިންޑިއާގެ ތިން ސަބްމެރީނާއި 60 އަށްވުރެ ގިނަ އަސްކަރީ މަތިންދާބޯޓު ވެސް މި ހަރަކާތުގައި ދައްކާލާފައިވެއެވެ.

ފްލީޓް ރިވިއު ކުރުމުގެ ރަސްމިއްޔާތުގައި، ބަނދަރުކޮށްފައިވާ އުޅަނދުތައް ބައްލަވާލެއްވުމަށް ގައުމުތަކުގެ އަސްކަރީ އިސްވެރިން ކަނޑުމަގުން ޒިޔާރަތްކުރެއްވިއެވެ. މި ހަރަކާތުގައި ދިވެހި އަސްކަރިއްޔާގެ ފަރާތުން އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު ސަލީމެވެ.

މި ދަތުރުފުޅުގެ ތެރެއިން ކޮމަޑާންޓް ސަލީމް ވަނީ މުހިންމު މަޝްވަރާ ބައްދަލުވުންތަކެއް ވެސް ބާއްވަވާފައެވެ. އެގޮތުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި އޮސްޓްރޭލިއާގެ އަސްކަރީ ވަފުދުތަކާ ބައްދަލުކުރައްވައި، ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ބައިނަލްއަގުވާމީ މިފަދަ ބޮޑު ހަރަކާތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ބައިވެރިވުމަކީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުވެ، ބޭރުގެ ގައުމުތަކުގެ އަސްކަރިއްޔާތަކާ އެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.