ކުރިއަށް އޮތް އިންތިހާބުތައް ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި، އެ ޕާޓީގެ އަންހެނުންނާއި ޒުވާނުން ތިބީ މުޅި ރާއްޖެއަށް ފެތުރިގަނެ، ސިޔާސީ މަސައްކަތްތަކަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށް ޕީއެންސީގެ އަންހެނުންގެ ރޫހުގެ ރައީސް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އަންހެނުންގެ ރޫހުން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗުގައި ބޭއްވި މާހެފުމެއްގައި ވާހަކަދައްކަވަމުން ހީނާ ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ތެރޭގައި ވަކިން އަންހެނުންނާއި ޒުވާނުންގެ ގޮތްޕެއް އުފައްދަވައި، އެ ފަރާތްތަކަށް ހަރަކާތްތެރިވެވޭނެ މަގު ތަނަވަސްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެންސްޕާގެ ސީއީއޯގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ހީނާ ވިދާޅުވީ، މިއީ އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމަށް ރައީސް ދެއްވާ އަހަންމިއްޔަތުކަން ހާމަވާ ކަމެއް ކަމަށާއި، އެކަމަށްޓަކައި ރައީސަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މީގެ އިތުރުން، އަންހެނުންނަށް ސިޔާސީ އަދި އިޖުތިމާއީ ކަންކަމުގައި ކުރިއަށްދިއުމަށް މަގުދެއްކެވުމާއި ލަފާދެއްވުމުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގެންގުޅުއްވާ ގާތްކަން ހީނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ވަގުތަކު ދަންނަވާލި ކަމުގައި ވިޔަސް، މެޑަމް ސާޖިދާގެ އެހީތެރިކަމާއި އިރުޝާދު ލިބިވަޑައިގަންނަވައެވެ.
ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ޕާޓީގެ އަންހެނުންނާއި ޒުވާނުން މިހާރު ތިބީ ކަމަރު ބަނދެގެންކަން ހާމަކުރައްވައި ހީނާ ވިދާޅުވީ، ޕާޓީގެ ލީޑަޝިޕްގެ އިރުޝާދާއެކު މުޅި ރާއްޖޭގައި ވަރުގަދަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ޕީއެންސީއަށް ކާމިޔާބުކޮށްދިނުމުގައި އެންމެ އިސް ސަފުގައި ނުކުމެ ތިބޭނީ މި ދެ ގޮފީގެ މެމްބަރުންކަމުގެ ޔަގީންކަން ހީނާ ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ