ސޫޒަންގެ ކެންޑިޑެންސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ސޫޒަންގެ ކެންޑިޑެންސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

Author
ހުސެއިން
18 ފެބްރުއަރީ 2026 01:39
0

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބާތިލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށް، އޭނާއަށް އިންތިހާބުގައި ވާދަކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައިވަނީ ކ. ތުލުސްދޫ ކައުންސިލްގެ މެންބަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ފާތިމަތު ސޫޒަން އާއި، ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލެއްވި އަބްދުލްމަޖީދުގެ ކެންޑިޑެންސީއާ ގުޅޭގޮތުން ހުށަހެޅުނު އިންތިހާބީ ޝަކުވާގެ މައްސަލަތަކުގައެވެ. މީގެ ތެރެއިން ސޫޒަންގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސާބިތު ދަރަންޏެއް އޮތްކަމަށް ބުނެއެވެ. ނަމަވެސް، އިއްޔެ ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ބަޔާންކޮށްފައިވަނީ، ސޫޒަންގެ މައްޗަށް ދަރަންޏެއް ދެއްކުމަށް ތުލުސްދޫ ކޯޓުން ހުކުމްކޮށްފައިވީ ނަމަވެސް، އެކަމުގެ ރެކޯޑެއް ފިނޭންސް މިނިސްޓްރީގައި ނެތް ކަމަށެވެ. އަދި ދަރަނި ހޯދުމަށް ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ހުށަހެޅުމާއި ރެކޯޑް ބެލެހެއްޓުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއަކަށްވާއިރު، އެކަން ނުކޮށް އޮތުމަކީ ސޫޒަން ދަރަނި ދައްކާ ހަލާސް ނުކުރާކަމަށް ބެލޭނެ ގާނޫނީ ހަމައެއް ނޫންކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ސޫޒަންއަކީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާ ފަރާތެއް ކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑެންސީ ބަލައިގަތުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ސޫޒަންއަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ނިންމި ނަމަވެސް، އަބްދުލްމަޖީދުގެ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެން ނުވާކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. އޭނާގެ ކެންޑިޑެންސީ ބަލައިނުގަތުމަށް ކޮމިޝަނުން ނިންމީ ހުށަހަޅަންޖެހޭ ބައެއް މައުލޫމާތު ފުރިހަމަނުވާތީއެވެ. ސުޕްރީމް ކޯޓުން ބުނެފައިވަނީ އެ ކޯޓަށް ބެލޭނީ ހަމައެކަނި ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަންޖެހޭ ގާނޫނީ ޝަރުތަކާ ގުޅޭގޮތުން އުފެދޭ މައްސަލަތައް ކަމަށެވެ.

މި ދެ މައްސަލަ ކޯޓުގައި ހިނގަމުން ދިޔުމާ ގުޅިގެން، އެހެން ހުރިހާ ރަށެއްގައި ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށް ނިމިފައިވީ ނަމަވެސް، ގުރައިދޫ އަދި ތުލުސްދޫގެ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކުރުން އޮތީ މަޑުޖައްސާލާފައެވެ. ކޯޓުގެ މި ނިންމުމާއެކު ދެން އެކަން ކުރިއަށްދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.