މައުމޫނުގެ ފަލަކީ ހިސާބު: މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް

މައުމޫނުގެ ފަލަކީ ހިސާބު: މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް

Author
ހުސެއިން
17 ފެބްރުއަރީ 2026 01:55
0

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު މިރޭ ފެންނަން ހުންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ، މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަކީ ހިސާބުތައް ދައްކާ ގޮތުން މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނެ ކަމަށާއި، މި މުނާސަބަތުގެ ހެޔޮ އެދުންތައް އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ. ރާއްޖޭގެ ކަލަންޑަރުގައިވާ ގޮތުން ވެސް މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ރޯދަ މަސް ފެށޭނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު ކަމަށް ލަފާކޮށްފައިވެއެވެ.

ފަލަކީ ގޮތުން ރާއްޖެއަށް ބަލާއިރު، މިއަދު މާލެއަށް އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ނުހުންނާނެއެވެ. އެހެންނަމަވެސް ރާއްޖޭގެ އެންމެ ދެކުނުން އައްޑޫއަށް އިރު އޮއްސޭއިރު، މިނެޓަކަށްވުރެ ކުޑަ ވަގުތުކޮޅަކަށް ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ދައްކައެވެ. ހަމައެއާއެކު ސައޫދީ އަރަބިއްޔާއަށް ވެސް މިއަދު އިރު އޮއްސޭއިރު ހަނދު ފެންމަތީ ހުންނާނެ ކަމަށް ހިސާބުތަކުން ދައްކައެވެ.

އިރާއި ހަނދު ދަތުރުކުރަމުންދާ ގޮތުންނާއި، އިރުގެ ގަދަ ދޯދިތަކުގެ ސަބަބުން ހަމަ ލޮލަށް ހަނދު ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެންނަމަވެސް ރާއްޖޭގައި ހަނދު ސާބިތުކުރުމަށް ކަނޑައަޅާފައިވާ އުސޫލަކީ، ހަމަ ލޮލަށް ނުފެނުނު ކަމުގައި ވިޔަސް، އިރު އޮއްސޭއިރު އާ މަހުގެ ހަނދު ފެންމަތީ ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާނަމަ މަސް ފެށުނީ ކަމަށް ބެލުމެވެ. އެހެންކަމުން މިރޭ ރާއްޖެއަށް ރަމަޟާން މަސް ފެށޭނެ ކަމަށް ބެލެވެއެވެ. މީގެއިތުރުން، މިއަދު ދުނިޔޭގެ ބައެއް ހިސާބުތަކަށް އިރުކޭތައެއް ވެސް ހިފާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.