ކޮރަޕްޝަން ހުއްޓުވައި ނަޒާހަތްތެރިކަން އަށަގެންނެވުމަށް އޭސީސީ އާއި އެމްއެންޔޫ ފަހުމުނާމާއެއްގައި ސޮއިކޮށްފި

ކޮރަޕްޝަން ހުއްޓުވައި ނަޒާހަތްތެރިކަން އަށަގެންނެވުމަށް އޭސީސީ އާއި އެމްއެންޔޫ ފަހުމުނާމާއެއްގައި ސޮއިކޮށްފި

Author
ޙަސަން މުޙައްމަދު
15 ފެބްރުއަރީ 2026 05:26
0

ކޮރަޕްޝަން ހުއްޓުވުމަށާއި މުޖުތަމަޢުގައި ނަޒާހަތްތެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމްއެވެ. މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަން ވިޔަނުދިނުމަށް ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ ކަންކަން ދެނެގަނެ، އެކަންކަން ހާސިލްކުރުމަށް މަސައްކަތްކުރުމެވެ. މީގެ އިތުރުން، ކޮމިޝަނުން ދޭ ލަފާތައް ތަންފީޒުކުރުމުގައި އެއްބާރުލުން ދިނުމާއި ފަންނީ އެހީތެރިކަން ބަދަލުކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުން މި އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ.

އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި، އެމްއެންޔޫގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަހާސިންތާތަކާއި ވޯކްޝޮޕްތައް ބޭއްވުމުގައި އޭސީސީން އެހީތެރިވުން ހިމެނެއެވެ. އަދި ދައުލަތް ހިންގުމުގައި އަމާނާތްތެރިކަން އިތުރުކުރުމަށް ބޭނުންވާ ކޯސްތައް ފަރުމާކޮށް ހިންގުމާއި، ދައުލަތުގެ އިދާރާތަކާއި މަދަނީ ޖަމިއްޔާތައް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ޔުނިވަރސިޓީއާ ގުޅިގެން ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ސިޔާސަތުތަކާއި އިސްތިރާޖީތައް އެކުލަވާލުމުގައި ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނާއެކު މަސައްކަތްކުރުމާއި، އެންޓި-ކޮރަޕްޝަން ސިޔާސަތުތައް ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ ލަފާ ޔުނިވަރސިޓީން ފޯރުކޮށްދޭނެއެވެ. އަދި ނަޒާހަތްތެރިކަމާ ގުޅޭ ދިރާސާތައް ކުރުމާއި ޖާނަލްތައް ޝާއިއުކުރުމުގައި ވެސް ޔުނިވަރސިޓީގެ ދައުރު ފުޅާކުރުމަށް ވަނީ ނިންމާފައެވެ.

އޭސީސީން ހާމަކުރި ގޮތުގައި މި ފަހުމުނާމާއަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ދައުލަތުގެ އެކި ދާއިރާތަކުން ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމަޢުގައި ނަޒާހަތްތެރިކަމުގެ ސިފަ އަށަގެންނެވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އެ ކޮމިޝަނުން ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.