ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 29 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
މި ތަކެތި އަތުލައިގެންފައިވަނީ މި ހިނގާ މަހުގެ 12 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރަށް ގެނައި މުދާ ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އަތުލައިގަތް ތަކެތީގެ ޖުމްލަ ބަރުދަނުގައި 36.43 ކިލޯ ހުއްޓެވެ.
ޝިޕްމަންޓް ބަލައި ފާސްކުރުމުގެ ތެރޭގައި ކުރެވުނު ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން މި ތަކެތި ވަނީ 'ހަޝިޝް އޮއިލް' އަށް ޕޮޒިޓިވް ވެފައެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ