ރާއްޖެ އައި ފަތުރުވެރިންގެ 44 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައި

ރާއްޖެ އައި ފަތުރުވެރިންގެ 44 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައި

Author
ޙަސަން މުޙައްމަދު
14 ފެބްރުއަރީ 2026 02:14
0

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ނުވަތަ 44 އިންސައްތަ ފަތުރުވެރިން، އެމީހުންގެ ޗުއްޓީ ހޭދަކުރުމަށް ޚިޔާރުކޮށްފައިވަނީ ކ. އަތޮޅެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މި ހިނގާ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 138،561 މީހުން ވަނީ ކ. އަތޮޅަށް ޒިޔާރަތްކޮށްފައެވެ. މިއީ އެހެން އަތޮޅުތަކާ އަޅާބަލާއިރު ނިސްބަތުން ވަރަށް މަތީ އަދަދެކެވެ. ކ. އަތޮޅަކީ ރާއްޖޭގައި އެންމެ ގިނަ ޓޫރިސްޓް އެނދު ހުރި ސަރަހައްދަށް ވާއިރު، އެ އަތޮޅުގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 24،878 އެނދު ހުރިކަމަށް ރެކޯޑުތަކުން ދައްކައެވެ.

ކ. އަތޮޅަށްފަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އަރިއަތޮޅަށެވެ. އެގޮތުން އދ. އަތޮޅަށް 29،582 ފަތުރުވެރިން އަދި އއ. އަތޮޅަށް 26،572 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެ އިތުރުން ރ. އަތޮޅު (23،218)، ބ. އަތޮޅު (18،080)، ޅ. އަތޮޅު (14،301) އަދި ދ. އަތޮޅާއި (13،359) ނ. އަތޮޅަކީވެސް (13،002) ފާހަގަކޮށްލެވޭ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި އަތޮޅުތަކެވެ.

ރާއްޖޭގެ ދެކުނާއި އުތުރުގެ އަތޮޅުތަކުގެ ތަފާސްހިސާބަށް ބަލާއިރު، ވ. އަތޮޅަށް 11،079 ފަތުރުވެރިން، ގއ. އަތޮޅަށް 5،798، ސ. އަތޮޅަށް 3،474، މ. އަތޮޅަށް 3،025 އަދި ގދ. އަތޮޅަށް 3،002 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މީގެ އިތުރުން ށ. އަތޮޅާއި ހއ. އަތޮޅަށް 2000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު، ފުވައްމުލައް ސިޓީއަށް 1،670 ފަތުރުވެރިން އަދި ލ. އަތޮޅަށް 1،465 ފަތުރުވެރިން ވަނީ ގޮސްފައެވެ. މި މުއްދަތުގައި އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ތ. އަތޮޅާއި (527) ފ. އަތޮޅަށެވެ (1،074).

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހިނގަމުންދާ ގޮތަށް ބަލާއިރު، މިވަގުތު މުޅި ރާއްޖޭގައި ޖުމްލަ 179 ރިސޯޓާއި، 911 ގެސްޓްހައުސްގެ އިތުރުން 169 ސަފާރީ އާއި 16 ހޮޓާ އަންނަނީ އޮޕަރޭޓްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.