މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން 1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސައި، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ޒަކާތް ދެއްކޭނެކަން ހާމަކޮށްފިއެވެ.
މި އަހަރުގެ ޒަކާތް ދެއްކުމަށްޓަކައި ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް އޮންލައިން ޕްލެޓްފޯމްތައް ހުޅުވާލެވިފައިވާއިރު، ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. ޒަކާތް ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ދިރާގު، އުރީދޫ، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް އަދި އަވަސް އެޕް ފަދަ ގިނަ ވަސީލަތްތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށް ދަތިވާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި، ނަޤުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސިޓީ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ނަޤުދު ފައިސާއިން ޒަކާތް ބަލައިގަންނަމުން ގެންދާނީ އެ ރަށެއްގެ ކައުންސިލް އިދާރާތަކުންނެވެ.
މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރަށް ބަލާއިރު، އާދައިގެ ހަނޑުލުންނަމަ ބޮލަކަށް 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑުލުން 53 ރުފިޔާ، އަދި ރަތް ހަނޑުލުން 96 ރުފިޔާ ދައްކަން ޖެހެއެވެ. ބާސްމަތީ ހަނޑުލުގެ ބާވަތްތަކަށް ބަލާއިރު، އާދައިގެ ބާސްމަތީ ހަނޑުލުން 77 ރުފިޔާ، މޮޅު ބާސްމަތީ ހަނޑުލުން 109 ރުފިޔާ އަދި އެންމެ މޮޅު ބާސްމަތީ ހަނޑުލުން 136 ރުފިޔާ ހަމަޖައްސާފައިވާއިރު، އާދައިގެ ފުށުން 10 ރުފިޔާ އަދި އާޓާ ފުށުން 75 ރުފިޔާގެ ރޭޓުން ޒަކާތް ދެއްކޭނެއެވެ.
ކޮމެންޓު ފޮނުވާ