ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، އައިލެންޑް އޭވިއޭޝަން ސަރވިސަސް (އައިއޭއެސް) އިން ހިންގާ ގައުމީ އެއަރލައިން މޯލްޑިވިއަނުން އއ. ތޮއްޑޫއަށް ޝެޑިއުލް ސީޕްލޭން ދަތުރުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ހިދުމަތް ފެށުމުގެ ގޮތުން ތޮއްޑޫގައި ވަނީ ސަގާފީ ކުލަތަކާއެކު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ދިވެހިބަހާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމާއި، ދަތުރުފަތުރާ ބެހޭ ވުޒާރާގެ އިސްވެރިންގެ އިތުރުން ތޮއްޑޫ ކައުންސިލާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މިއީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށްރަށަށް ދަތުރުފަތުރުގެ ނިޒާމު ފަސޭހަކޮށްދިނުމުގެ ސިޔާސަތުގެ ދަށުން އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިއޭއެސްގެ ޑެޕިއުޓީ އެމްޑީ އަލީ ސަލީމް ފާހަގަކުރެއްވި ގޮތުގައި، ތޮއްޑޫ ފަދަ ފަތުރުވެރިކަން ކުރިއަރާފައިވާ މަންޒިލަކަށް ހަމައެކަނި ކަނޑުމަގުން ދަތުރުކުރަން ޖެހުމަކީ ފަތުރުވެރިންނަށް އޮތް ބޮޑު ތަކްލީފެކެވެ. އެހެންކަމުން، މިއަދު ފެށިގެންދިޔަ ސީޕްލޭންގެ ހިދުމަތާއެކު އެކަމަށް ބޮޑު ލުޔެއް ލިބި، ރަށުގެ ފަތުރުވެރިކަމަށް އިތުރު ދިރުމެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަނުން ތޮއްޑޫއަށް ދަތުރުތައް ބާއްވަން ހަމަޖެހިފައިވަނީ ހަފްތާއަކު ދެ ދުވަހުއެވެ. އެއީ ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހަކުއެވެ. މި ދަތުރުތަކުގެ އަގުވެސް ކަނޑައަޅާފައިވަނީ ލޯކަލް ޓޫރިޒަމަށް ހިތްވަރުދޭ ގޮތަށް އެކަށީގެންވާ އަގެއްގައެވެ. އެގޮތުން ކޮޅަކަށް ޓިކެޓުގެ އަގަކީ 799 ރުފިޔާއެވެ. މޯލްޑިވިއަނުން މީގެ ކުރިން ނ. ވެލިދޫއަށްވެސް ސީޕްލޭންގެ ދަތުރުތައް ފަށާފައިވާއިރު، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސީޕްލޭންގެ ވިއުގަ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
ކޮމެންޓު ފޮނުވާ