ވިހެއުމުން ދޭ ހުސްވަގުތު ދެ އަހަރަށް އިތުރުކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

ވިހެއުމުން ދޭ ހުސްވަގުތު ދެ އަހަރަށް އިތުރުކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

Author
ހުސައިން
12 ފެބްރުއަރީ 2026 12:00
0

ވިހެއުމާ ގުޅިގެން މުވައްޒަފުންނަށް ލިބޭ ޗުއްޓީ ހަމަވުމަށްފަހު، ދަރިފުޅުގެ ކަންކަން ކުރުމަށްޓަކައި މުވައްޒަފުންނަށް ދެމުން އަންނަ ހުސްވަގުތު ދިނުމުގެ މުއްދަތު ދެ އަހަރަށް އިތުރުކުރުމަށް ސަރުކާރުގެ ފަރާތުން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން، މީގެ ކުރިން ދަރިފުޅަށް އެއް އަހަރު ވަންދެން ދެމުން އައި، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރަށް ލިބޭ 30 މިނެޓްގެ ހުސް ވަގުތުކޮޅު، ދަރިފުޅަށް ދެ އަހަރު ވަންދެން ދޭންޖެހޭ ގޮތަށް ބަދަލުކުރުމަށް ވަނީ ހިމަނާފައެވެ. މިއީ މަސައްކަތަށް ނުކުންނަ މައިންނަށް ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.

މީގެ އިތުރުން ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ދިނުމުގެ އުސޫލަށްވެސް ބަދަލުތަކެއް ގެނައުމަށް މި ބިލުގައި ވަނީ ހުށަހަޅާފައެވެ. އެގޮތުން، މިހާރުގެ ގާނޫނުގައި ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް އުޅޭ މުވައްޒަފުންނަށް ދެ ހަފުތާގެ ނޯޓިހެއް ދޭންޖެހުނު ނަމަވެސް، އާ އިސްލާހުގެ ދަށުން ވަޒީފާގައި އެއް އަހަރު ނުވާ ކޮންމެ މުވައްޒަފަކަށްވެސް މަދުވެގެން ދެ ހަފުތާގެ ނޯޓިހެއް ދޭންޖެހޭނެއެވެ. ނަމަވެސް ދެ ފަރާތުން އެއްބަސްވާނަމަ އެއަށްވުރެ ކުރު ނުވަތަ ދިގު މުއްދަތެއް ކަނޑައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަލަށް ފަށާ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި، ބައެއް ބާވަތުގެ ވިޔަފާރިތަކަށް ބިދޭސީން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދިނުމަށްވެސް ވަނީ ހިމަނާފައެވެ. މިއީ ވިޔަފާރީގެ ވާދަވެރިކަން އުފެއްދުމަށާއި އާ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.