ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނަގައި، ނަން ތަރުތީބުކުރުމުގެ މަސައްކަތް މިއަދު ހެނދުނު ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އެއް ވަގުތެއްގައި ފަށައިފިއެވެ.
މިއަދު ހެނދުނު 10:00 ގައި ފެށިގެން ކުރިއަށްދާ މި ހަރަކާތް މާލެ ސިޓީގައި އިންތިޒާމުކޮށްފައިވަނީ، މާފަންނުގައި ހުންނަ އިންތިޚާބާ ބެހޭ މަރުކަޒު (ކުރީގެ ޑްރަގް ކޯޓު ހިންގި އިމާރާތް) ގައެވެ. އަތޮޅު ތެރޭގެ ރަށްތަކާއި ސިޓީތަކުގައި ގުރުއަތު ނެގުން ކުރިއަށްދަނީ އެ ރަށެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން އެކަމަށް ޚާއްޞަކޮށްފައިވާ ތަންތަނުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން، ގުރުއަތު ނެގުމަށް ކެންޑިޑޭޓު އަމިއްލައަށް ނުވަތަ ކެންޑިޑޭޓުގެ ފަރާތުން ކަނޑައަޅާ ބަދަލު މީހަކު ހާޒިރުވާން ޖެހެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓުގެ ސިޓީއަކާއެކު، ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލާއި، އައިޑީ ކާޑު ނަންބަރު އެނގޭނެ ލިޔުމެއް ހުށަހަޅަންޖެހެއެވެ. މަޤްބޫލު އުޒުރަކާހުރެ ކެންޑިޑޭޓަކަށް ނުވަތަ މަންދޫބަކަށް ހާޒިރު ނުވެވިއްޖެ ޙާލަތެއްގައި، އެ ކެންޑިޑޭޓެއްގެ ފަރާތުން ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ޖުމްލަ 2,994 ކެންޑިޑޭޓުން ވާދަކުރުމަށް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި 6 ސިޔާސީ ޕާޓީއަކުން 1,210 ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރާ 401 ކެންޑިޑޭޓުން ހިމެނެއެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ނިމުމުން، ދާއިމީ ލިސްޓު އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް އާންމުކުރާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.
މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެ އަދަދަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް މެންބަރުން ހޮވާނެއެވެ. މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 294,937 މީހުންނަށް ލިބިގެންވެއެވެ.
ކޮމެންޓު ފޮނުވާ