ސަރުކާރުން އަލަށް ފަށާފައިވާ "ވަތަނީ ޚިދުމަތް" ޕްރޮގްރާމް ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ހިންގުމަށްޓަކައި، އެކަމާ ގުޅޭ ޚާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު ހުށަހެޅުއްވި މި ބިލުގެ މައިގަނޑު ބޭނުމަކީ، ދިވެހި ވަތަނީ ޚިދުމަތުގެ ކަންކަން ޤާނޫނީ ހަމަތަކުގެ މަތިން އިންތިޒާމުކޮށް ކުރިއަށް ގެންދިއުމެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް، 18 އަހަރު ނުފުރޭ ކުދިންނަށް މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ، އެ ކުއްޖާ އަމިއްލައަށް އެދުމުގެ އިތުރުން ބެލެނިވެރިންގެ ޚާއްސަ ހުއްދައެއް ލިބިގެން ކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.
މި ޚިދުމަތް ހިންގުމަށްޓަކައި މަތީ ފެންވަރުގެ ގަވަރނިންގ ކައުންސިލެއް އެކުލަވާލުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ މި ކައުންސިލްގައި ދިފާއީ ވަޒީރާއި، ދާހިލީ ވަޒީރާއި، މާލީ ވަޒީރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަދި ކޮމިޝަނާ އޮފް ޕޮލިސް ހިމެނިވަޑައިގަންނަވާނެއެވެ. ކައުންސިލްގެ ނައިބު ރައީސަކަށް ހުންނަވާނީ ދިފާއީ ވަޒީރެވެ. އަދި މި ބިލު ޤާނޫނަކަށްވެ އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި، ޕްރޮގްރާމް ހިންގުމާ ގުޅޭ ގަވާއިދުތައް ހޯމް މިނިސްޓްރީން އެކުލަވާލަން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަކަށް ފަށްޓަވާ މި ޕްރޮގްރާމަކީ ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު ސިޔާސަތެކެވެ. މިގޮތުން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ކޮންމެ އަހަރަކު 1000 މީހުން ވަތަނީ ޚިދުމަތުގެ ތެރެއިން ތަމްރީނު ކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
ކޮމެންޓު ފޮނުވާ