މަރާމާތުގެ މަސައްކަތަކަށް މިރޭ ހިޔާގެ 5 ޓަވަރަކުން ފެން ކަނޑާލަނީ

މަރާމާތުގެ މަސައްކަތަކަށް މިރޭ ހިޔާގެ 5 ޓަވަރަކުން ފެން ކަނޑާލަނީ

Author
ޙަސަން މުޙައްމަދު
22 ޖެނުއަރީ 2026 08:15
0

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގެ މީޓަރު ރޫމްތަކުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް، މިރޭ ދަންވަރުގެ ވަގުތުތަކުގައި ފަސް ޓަވަރަކުން ފެން ކަނޑާލަން ނިންމައިފިއެވެ.

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނީ މިރޭ ދަންވަރާއި ފަތިހާ ދެމެދު އެކި ވަގުތުތަކުގައި ފެން ކަނޑާލަން ނިންމާފައިވަނީ ހިޔާ ޓަވަރު 9، 12، 13، 15 އަދި 16 އިން ކަމަށެވެ. މި މަސައްކަތްތައް ކުރިއަށްދާއިރު ބައެއް ޓަވަރުތަކުން ގިނަވެގެން އެއް ގަޑިއިރަށް ފެން ކެނޑޭއިރު، އަނެއްބައި ޓަވަރުތަކުން ފެނުގެ ޚިދުމަތް މެދުކެނޑޭނީ ގިނަވެގެން ބައިގަޑިއިރަށެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ތާވަލުގައިވާ ގޮތުން މިރޭ ދަންވަރު 12:00 އިން 01:00 އަށް ހިޔާ ޓަވަރު 9 ގެ 8 ވަނަ ފަންގިފިލާއިން ފެށިގެން 25 ވަނަ ފަންގިފިލާއަށް ފެން ކެނޑޭނެއެވެ. އަދި ދަންވަރު 01:00 އިން 01:30 އަށް ޓަވަރު 12 ގެ ތިރީ ފަންގިފިލާއިން 8 ވަނަ ފަންގިފިލާއަށް ފެން ކަނޑާލާއިރު، ދަންވަރު 01:30 އިން 02:30 އަށް ޓަވަރު 13 ގެ ހުރިހާ ފަންގިފިލާއަކުން ފެން ކެނޑޭނެއެވެ. މީގެ އިތުރުން މެންދަމު 02:30 އިން 03:30 އަށް ޓަވަރު 15 ގެ 16 ވަނަ ފަންގިފިލާއިން 25 ވަނަ ފަންގިފިލާއަށް އަދި 03:30 އިން ފަތިހު 04:00 އަށް ޓަވަރު 16 ގެ ތިރީ ފަންގިފިލާއިން 8 ވަނަ ފަންގިފިލާއަށް ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއެވެ.

މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ. މީގެ ކުރިން މިދިޔަ މާރިޗު މަހުވެސް ބޫސްޓާ ޕަންޕު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ހިޔާ ޓަވަރުތަކުން ކުއްލި ގޮތަކަށް ފެން ކަނޑާލަން ޖެހުނުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.