އެމްޑަބްލިޔުއެސްސީގެ "ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް 2026″ ބާއްވައިފި

އެމްޑަބްލިޔުއެސްސީގެ "ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް 2026″ ބާއްވައިފި

Author
ޙަސަން މުޙައްމަދު
14 ޖެނުއަރީ 2026 07:00
0

ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އައު ވިސްނުންތަކަކާއެކު އެމްޑަބްލިޔުއެސްސީން 2026 ވަނަ އަހަރަށް ތައްޔާރުވުމުގެ ގޮތުން ޚާއްޞަ ފޯރަމެއް އިއްޔެ ބާއްވައިފިއެވެ.

"ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް 2026″ ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި މެނޭޖްމަންޓް ޓީމުގެ އިތުރުން ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ފޯރަމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އަންނަ އަހަރަށް ކަނޑައަޅާފައިވާ ބިޒްނަސް ޕްލޭން ތަޢާރަފުކުރުމަށާއި، އެ ޕްލޭން ތަންފީޒުކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. މީގެ އިތުރުން ހިނގަމުން މިދާ 2025 ވަނަ އަހަރުގެ ލަނޑުދަނޑިތައް ހާސިލްކުރެވުނު މިންވަރާ ގުޅޭގޮތުންވެސް ބައިވެރިން ވަނީ މަޝްވަރާކޮށްފައެވެ.

އެމްޑަބްލިޔުއެސްސީގެ 2026 ގެ ސްޓްރެޓެޖީ ބިނާކޮށްފައިވަނީ މުހިންމު ހަތަރު ތަނބެއްގެ މައްޗަށެވެ. އެއީ ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކުރުމާއި، ހަމައެކަނި ފެނުގެ ޚިދުމަތަށް ބަރޯސާވުމުގެ ބަދަލުގައި އެހެނިހެން ދާއިރާތަކުން އާމްދަނީ ހޯދުމާއި، މުވައްޒަފުން ގުޅިގެން ނަތީޖާ ނެރުމަށް މަސައްކަތްކުރުމުގެ އިތުރުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމެވެ. މި ދާއިރާތަކަށް އިސްކަންދިނުމުގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި، މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، އިތުބާރުހުރި ޚިދުމަތެއް މެދުނުކެނޑި ފޯރުކޮށްދިނުމެވެ.

މި ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު، މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށާއި، ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ތިމާވެއްޓާ ރައްޓެހި އުޞޫލުތައް ގެންގުޅުމަށް އައު ޕްލޭންގައި ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި އަމާޒަކީ ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކޮށް، އޭގެ ލާބަ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.