ޕާކިސްތާނުގައި ބޭއްވި ބައިނަލްއަޤްވާމީ އަސްކަރީ މުބާރާތަކުން ރަން މެޑަލް ހޯދި ދިވެހި ސިފައިންގެ ޓީމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
މި މަހުގެ 5 އިން 7 އަށް ޕާކިސްތާނުގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި ކުރިއަށްދިޔަ، 9 ވަނަ "އިންޓަނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026″ ގައި ދުނިޔޭގެ 16 ޤައުމަކުން ޖުމްލަ 24 ޓީމަކުން ވާދަކުރިއެވެ. އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ބާއްވާ އެންމެ މަތީ ފަންތީގެ މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރީ އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ 15 ސިފައިން ހިމެނޭ ޓީމަކުންނެވެ.
މި މުބާރާތަކީ އަސްކަރީ އުކުޅުތަކާއި، އެކި ކަހަލަ އުނދަގޫ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް ޓެސްޓުކުރުމަށް ކުރިއަށް ގެންދެވުނު މުބާރާތެކެވެ. ބޭރުގެ ބޮޑެތި އަސްކަރިއްޔާތަކާ ވާދަކޮށް ދިވެހި ސިފައިން ހޯދި މި ފަޚުރުވެރި ކާމިޔާބީއާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއީ ސިފައިންގެ އަސްކަރީ އަޚުލާޤާއި، ހިތްވަރާއި ޢަޒުމް އަދި ބުންވަރާއި މެންޓަލް ފިޓްނަސްގެ އިތުރުން ޓީމުގެ ބަދަހިކަން ރަމްޒުކޮށްދޭ ކާމިޔާބީއެއް ކަމަށެވެ. އަދި ތަފާތު އެތަކެއް އުނދަގޫ ޙާލަތްތަކެއްގައި ޓެސްޓުކުރެވުނު މި މުބާރާތުން ރަން މެޑަލް ހާސިލުކުރި ޓީމަށް އެމަނިކުފާނު ވަނީ ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، މިއީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަމާއި ސިފައިންގެ ހުނަރުވެރިކަން ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސަމާލުކަމާއި، އެމަނިކުފާނުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާއެވެ.
ކޮމެންޓު ފޮނުވާ