ހައި ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރެއްވި ފަނޑިޔާރުން، ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ހުވާކުރައްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ހޯމަ ދުވަހު ނިންމެވި ނިންމެވުމާ އެއްގޮތަށް، މިރޭ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، ކުރިންވެސް އެ ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އަބްދުއްރައޫފް އިބްރާހިމާއި، ކްރިމިނަލް ކޯޓުގެ ގާޒީކަމުގައި ހުންނެވި އިސްމާއިލް ޝަފީއުއެވެ. އަދި ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރެއްވި ފަނޑިޔާރަކީ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި އަހުމަދު ނިޔާޒެވެ. މި ބޭފުޅުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ހައި ކޯޓަށް އަލުން އައްޔަންކުރެއްވި ރައޫފަކީ މާޗު 2011 އިން ފެށިގެން މެއި 2022 ގެ ނިޔަލަށް އެ ކޯޓުގައި މަސައްކަތްކުރެއްވި ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ މީގެ ކުރިން މަގާމުން އިސްތިއުފާ ދެއްވީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުން ދޫކުރި ފްލެޓެއް ބަލައިގަތް ކަމަށް ބުނެ، އެމްޑީޕީ ސަރުކާރުގައި ޖޭއެސްސީން އޭނާ މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށެވެ. އޭގެ ފަހުން ރައޫފް ވަނީ މިހާރުގެ ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާއަށްވެސް ވާދަކުރައްވާފައެވެ. މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައިވާ ރައޫފް ވަނީ އެމްޕީއެލް އާއި އެސްޓީއޯގެ ލީގަލް ކައުންސެލްކަމުގެ އިތުރުން އޭޖީ އޮފީހާއި ސިވިލް ކޯޓުގައިވެސް އިސް މަގާމުތަކެއް ފުރުއްވާފައެވެ.
ހައި ކޯޓަށް ދެން އައްޔަންކުރެއްވި އިސްމާއިލް ޝަފީއުއަކީ ޝަރުއީ ދާއިރާގައި ހަތް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އިނގިރޭސި ވިލާތުގެ ކާޑިފް ޔުނިވާސިޓީން ގާނޫނީ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޝަފީއު، ކްރިމިނަލް ކޯޓުގެ ގާޒީކަމާ ހަވާލުވެވަޑައިގަތީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އޭގެ ކުރިން އޭނާ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި އަހުމަދު ނިޔާޒަކީ ޝަރުއީ ދާއިރާގައި 12 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރެއްވުމަށްފަހު، ނޮވެމްބަރު 2013 އިން ފެށިގެން މިރެއާ ހަމައަށް އޭނާ ހުންނެވީ ކަލައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައެވެ.
ކޮމެންޓު ފޮނުވާ