ޗާގޯސް އައިލެންޑްސްގެ ސިޔާދަތު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމަރ ހެދި އެއްބަސްވުމަކީ "ބޮޑު މޮޔަކަމެއް" ކަމަށް ވިދާޅުވިތާ ހަފްތާތަކެއް ފަހުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ އެއްބަސްވުމަށް ތާއީދުކުރައްވައިފިކަން ހާމަ ކުރައްވައިފިއެވެ.
އިންޑިއާ ކަނޑުގެ މި ޖަޒީރާ ރަށްތަކުގެ ސިޔާދަތު ދޫކޮށްލުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަކީ "ބޮޑު މޮޔަކަމެއް" ގެ ގޮތުގައި ޓްރަމްޕް މިދިޔަ މަހު ސިފަކުރެއްވިއެވެ. މި ރަށްތަކުގެ ތެރޭގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް އޮންނަ ޑިއޭގޯ ގާސިއާ ވެސް ހިމެނެއެވެ.
އެމެރިކާގެ ރައީސް ވިދާޅުވީ ބުރާސްފަތި ދުވަހު ސްޓާމަރާއެކު ބޭއްވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށާއި، އިނގިރޭސި ލީޑަރު ހެއްދެވީ އޭނާއަށް ހެއްދެވޭނެ "އެންމެ ރަނގަޅު ޑީލް" ކަމަށެވެ.
ނަމަވެސް، ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް އިންޒާރު ދެއްވީ، ޑިއޭގޯ ގާސިއާގައި އޮތް އެމެރިކާގެ ބާރަށް ނުރައްކަލެއް ވެއްޖެނަމަ އެތަން "އަސްކަރީ ގޮތުން ރައްކާތެރިކޮށް ވަރުގަދަ ކުރުމުގެ" ހައްގު އެމެރިކާއަށް އޮންނާނެ ކަމަށެވެ.
އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ކުރިމަގުގައި މަރުކަޒު ހިންގުން ކަށަވަރުކުރުމަށް ދެ ގައުމުގެ ސަރުކާރުން ގުޅިގެން މަސައްކަތްކުރުމަށާއި، ވަރަށް އަވަހަށް އަލުން ވާހަކަދެއްކުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ" ކަމަށެވެ.
މިދިޔަ މެއި މަހު އެއްބަސްވި ޑީލްގެ ދަށުން، އިނގިރޭސިވިލާތާއި މޮރިޝަސްގެ ސަރުކާރުން ގުޅިގެން އިއުލާނުކުރީ 60 އަށްވުރެ ގިނަ ރަށްތައް ހިމެނޭ ޗާގޯސްގެ ފުރިހަމަ ސިޔާދަތު އަނެއްކާވެސް މޮރިޝަސްއަށް ލިބޭނެ ކަމަށެވެ. މީގެ ބަދަލެއްގެ ގޮތުން ކުރިއަށް އޮތް 99 އަހަރަށް އެމެރިކާގެ އަސްކަރީ މަރުކަޒު އެތަނުގައި ހިންގުމުގެ ޔަގީންކަން ދީފައިވެއެވެ.
މިދިޔަ އަހަރުގެ މި އިއުލާނާ ގުޅިގެން ޗާގޯސްގެ ރައްޔިތުންގެ މެދުގައި ތަފާތު ޝުއޫރުތައް އުފެދުނެވެ. 1960 އަދި 1970 ގެ އަހަރުތަކުގައި އެމީހުންގެ އަމިއްލަ ވަޒަނުން ނެރެ މޮރިޝަސް، ސީޝެލްސް އަދި އިނގިރޭސިވިލާތުގައި ވަނީ ވަޒަންވެރިކުރުވާފައެވެ. އެއްވެސް ހުރަހަކާ ނުލައި މިނިވަންކަމާއެކު އަނބުރާ ވަޒަނަށް ދިއުމަށް އެމީހުން ވަނީ އެތައް ޒަމާނެއް ވަންދެން ކެމްޕޭންކޮށްފައެވެ.
ޗާގޯސް އައިލެންޑްސް އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތީ 1814 އިން ފެށިގެންނެވެ. ވިއެޓްނާމް، އިރާގު އަދި އަފްޣާނިސްތާނުގެ ހަނގުރާމައިގައި މުހިންމު ދައުރެއް އަދާކުރި އެމެރިކާގެ އަސްކަރީ މަރުކަޒު ހެދުމަށްޓަކައި، 1960 އަދި 1970 ގެ އަހަރުތަކުގައި އިނގިރޭސިން ވަނީ ގާތްގަނޑަކަށް 2،000 ރައްޔިތުން ގަދަކަމުން އެރަށްތަކުން ބޭރުކޮށްފައެވެ. "ޓެރަރިޒަމް" ގެ ތުހުމަތުކުރެވޭ މީހުން ސިއްރުން އުފުލުމަށް ބޭނުންކުރި ފްލައިޓްތަކަށް މި މަރުކަޒު ބޭނުންކޮށްފައިވާނެކަމަށް 2008 ވަނަ އަހަރު އެމެރިކާއިން ވަނީ އެއްބަސްވެފައެވެ.
ކޮމެންޓު ފޮނުވާ