ދިވެހިރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ހާއްސަ ސަވައިލަންސް އޮޕަރޭޝަނެއް، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތަ އާއި އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން ފަށައިފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި އޮޕަރޭޝަނުގައި ދިވެހިރާއްޖޭގެ ދެކުނުގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2026 ފެބުރުވަރީ 5 ވަނަ ދުވަހު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި، ދިވެހިރާއްޖޭގެ ސަރަހައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ދައުލަތުން ބަލައި ނުގަންނަ ކަމަށް އިއުލާންކުރެއްވުމާ ގުޅިގެން، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ދިވެހި ސިފައިންނާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި މި އޮޕަރޭޝަން ފަށާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ގާނޫނުއަސާސީގެ ތިންވަނަ މާއްދާގައި ދިވެހިރާއްޖޭގެ ސަރަހައްދު ބަޔާންކޮށްފައިވާއިރު، ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގައި ބޭސްލައިނުން 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ކަމަށް ބަޔާންކޮށްފައިވެއެވެ. 1976 ގައި ގަލްފް އޮފް މަނާރުގައި ޓްރައި ޖަންކްޝަން ޕޮއިންޓް ކަނޑައެޅުމާ ގުޅޭ އެއްބަސްވުން ފިޔަވައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ކުޑަކުރާނެ އެހެން އެއްވެސް އެއްބަސްވުމެއް ސަރުކާރުން އެކުލަވާލާފައި ނުވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ދިވެހި އަސްކަރިއްޔާއިން ރާއްޖޭގެ ސަރަހައްދުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ ވަފާތެރިކަމާއި ސާބިތުކަމާއެކު އަދާކުރަމުންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ