ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި އުތުރުގައި އެއާ ސްޓޭޝަނެއް ހުޅުވުމަށާއި، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އިތުރު 17 އުޅަނދެއް ޚިދުމަތަށް ނެރޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ގައުމީ ދިފާއީ ބާރުގެ ހުރިހާ ދާއިރާއެއްގެ ފެންވަރު މަތިކޮށް، ޚިދުމަތްތައް ހަރުދަނާ ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ކޯސްޓް ގާޑުގެ ޚިދުމަތް ފުޅާކުރުމަށް ތުރުކީން ހަދިޔާކުރި ބޮޑު މަނަވަރު މިހާރު ޚިދުމަތަށް ނެރެފައިވާއިރު، މެރިޓައިމް އަދި ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންކުރާނެ އިންސްޕެކްޓަރ ކްރާފްޓްގެ 3 އުޅަނދެއް މިދިޔަ އަހަރު ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި މިއަހަރުގެ ތެރޭގައި އެ މޮޑެލްގެ އިތުރު 17 އުޅަނދު ޚިދުމަތަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޖަޕާނު ސަރުކާރުގެ އެހީގައި ހޯދާ ދެ ހާބަރ ކްރާފްޓާއި، އޮސްޓްރޭލިއާގެ އެހީގައި ހޯދާ މަނަވަރުވެސް މިއަހަރު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު ވައިގެ މަގުން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އުފެއްދި އެއާ ކޯގެ ޚިދުމަތް ފުޅާކުރުމަށް، އައްޑޫ ގަމުގައި އެއާ ސްޓޭޝަނެއް ގާއިމުކޮށްފައިވާއިރު، މިއަހަރު ށ. ފުނަދޫގައިވެސް އެއާ ސްޓޭޝަނެއް ހަދައި ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަސްކަރީ ޑްރޯން (ޔޫއޭވީ) ގެ ޚިދުމަތް ތައާރަފުކޮށްފައިވާކަން ފާހަގަކުރައްވައި، ބަޖެޓު ތަންދިން ވަރަކުން މި ދާއިރާއަށް އިތުރު ވަސީލަތްތައް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.
ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ގިރިފުށި ހިއްކުމާއި އައްޑޫ ޓްރެއިނިންގ ސެންޓަރު ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މާލޭގައި ހުންނަ ކަޅުތުއްކަލާ ކޮށީގެ އުމްރާނީ މަސައްކަތްތަކާއި، ފަޔަރ އެންޑް ރެސްކިއު އަދި ސިފައިންގެ ވެލްފެއާ ކަންކަން ހަރުދަނާ ކުރުމަށް މިއަހަރު މުހިންމު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ