17،000 ރުފިޔާގެ މުސާރައަކާއެކު ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

17،000 ރުފިޔާގެ މުސާރައަކާއެކު ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

Author
އަލީ ރައޫފް
04 ފެބްރުއަރީ 2026 07:22
0

ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަށް ފޯމު ލިބިފައިނުވާތީ، އެ މަގާމަށް އެދި ހުށަހެޅުމުގެ މުއްދަތު ފުލުހުންގެ ޚިދުމަތުން އިތުރުކޮށްފިއެވެ.

ޖުމްލަ 34 މީހުން ހޯދުމަށް އިއުލާނުކޮށްފައިވާ މި މަގާމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް އެ ބުރަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މުއްދަތު އިތުރުކުރީ ކަމަށާއި، ފުރަތަމަ އިއުލާނާ ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެކަމަށް ފުލުހުން ބުނެއެވެ. މި މަގާމުގެ މުސާރައަކީ މަހަކު 17،175 ރުފިޔާއެވެ.

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ ގްރޭޑް 10 ނިންމާފައިވާ، އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހެއެވެ. އިސްކޮޅުގެ ޝަރުތަކަށް ބަލާއިރު ފިރިހެނެއްނަމަ 5 ފޫޓު 3 އިންޗި އަދި އަންހެނެއްނަމަ 5 ފޫޓު ހަމަވާންޖެހޭއިރު، އެ މީހަކީ ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ. ހަމައެއާއެކު ކުށެއް ސާބިތުވެފައިވާނަމަ ހުކުމް ތަންފީޒުކޮށް ނިމުނުތާ 3 އަހަރު ވެފައިވުމާއި، ގެވެށި އަނިޔާގެ މައްސަލައެއްގައި ރައްކާތެރިކަމުގެ އަމުރެއް ނެރެފައިވާ މީހަކަށް ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި، މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ އުފުލިފައިވާ މީހަކަށް ވެގެން ނުވުމުގެ އިތުރުން ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ސިއްހީ ދުޅަހެޔޮކަން ހުންނަ މީހަކަށް ވުން ލާޒިމުކުރެއެވެ. މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.