އަރަބި ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ އަސްކަރީ މަނަވަރު، ޔޫއެސްއެސް އަބްރަހަމް ލިންކަންއާ ނުރައްކާތެރި މިންވަރަކަށް ގާތްވި ކަމަށް ބުނެ، އީރާނުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ މަނަވަރަށް ނުރައްކާވާ ގޮތަށް ޑްރޯން އަމަލުކުރުމުން، އަމިއްލަ ދިފާއުގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ހުޅަނގުގެ މީޑިއާތަކުން އެމެރިކާގެ ސެންޓްރަލް ކޮމާންޑާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ވައްޓާލާފައިވަނީ އީރާނުގެ ޝާހިދު-139 މަރުކާގެ ޑްރޯނެކެވެ. އަސްކަރީ އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި، ޑްރޯން ވައްޓާލުމުގެ ކުރިން އެއަށް ދުރަށް ދިއުމަށް ތަކުރާރުކޮށް އިންޒާރު ދެވުނެވެ. ނަމަވެސް އެ އިންޒާރުތަކަށް ބޯނުލެނބުމުން، މަނަވަރުގައި އޮތް އެފް-35 މަރުކާގެ ފައިޓަރ ޖެޓަކުން ހަމަލާދީ ޑްރޯން ވަނީ ހަލާކުކޮށްލާފަ އެވެ.
މިކަމާ ގުޅިގެން އީރާނުގެ އިންގިލާބީ ލަޝްކަރު (އައިއާރުޖީސީ) އިން ބުނެފައިވަނީ، އެ ސަރަހައްދުގައި ހާދިސާއެއް ހިނގި ނަމަވެސް، އެ ގައުމުގެ ޑްރޯންތަކުން ކުރަން ބޭނުންވި ޖާސޫސީ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ. އަދި އެއްކުރި މައުލޫމާތުތައް ރައްކާތެރިކަމާއެކު އެ ގައުމުގެ ސިފައިންނަށް ލިބިފައިވާ ކަމަށް ބުނެ، ޑްރޯން ވައްޓާލި ކަމަށް އެމެރިކާއިން ދައްކާ ވާހަކަތަކަށް އީރާނުން ވަނީ ނުސީދާކޮށް އިންކާރުކޮށްފަ އެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނާއެކު ސުލްހައިގެ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް، އޭނާ ވަނީ ފާއިތުވި އަހަރުގެ ޖޫން މަހު އެމެރިކާއިން ހިންގި "އޮޕަރޭޝަން މިޑްނައިޓް ހެމާ" ގެ ހަނދާން އާކޮށްދީ، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކަށް އިޝާރާތްކުރައްވައި އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވާފަ އެވެ.
ކޮމެންޓު ފޮނުވާ