ވާދަވެރިން މަސައްކަތްކުރަނީ ހަސަދައިގެ ތެރެއިން އިޖުތިމާއީ ފޭރާން ވީދާލަން: ނައިބު ރައީސް

ވާދަވެރިން މަސައްކަތްކުރަނީ ހަސަދައިގެ ތެރެއިން އިޖުތިމާއީ ފޭރާން ވީދާލަން: ނައިބު ރައީސް

Author
ހުސައިން
04 ފެބްރުއަރީ 2026 09:31
0

ސިޔާސީ ވާދަވެރިން މަސައްކަތްކުރަމުން ދަނީ ހަސަދަވެރިކަމާއި ރުޅިވެރިކަން އިސްކޮށްގެން ދިވެހި މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދާލުމަށް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ޕީއެންސީގެ މެދު ހެންވޭރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރާއްޖެއަކީ ކުޑަ އާބާދީއެއް ދިރިއުޅޭ ގައުމަކަށްވާއިރު، މުޖުތަމައު ތެރޭގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދައިގެން ލިބޭނެ އެއްވެސް މަންފާއެއް ނެތް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ހަސަދަވެރިކަމުގެ ތެރެއިން މުޖުތަމައު ބައިބައި ކުރުމަށް ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

މިކަން ހައްލުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވައިގެން، ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރުމުގެ ބިޔަ މަޝްރޫއެއް ފައްޓަވާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތްޕުޅުގެ ސަބަބުން، އަންނަން އޮތް ޖީލުތަކަށް ހެޔޮ ބޮޑެތި ބަދަލުތަކެއް އަންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ސިޔާސީ ގޮތުން ވެރިން ޖަވާބުދާރީ ކުރުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ޖަވާބުދާރީ ކުރުވުމަށް ދައްކާ ވާހަކަތައް ވާންޖެހޭނީ ޒިންމާދާރުކަމާއެކު ދައްކާ ވާހަކަތަކަށް ކަމަށެވެ. އެނޫން ގޮތަކަށް، ހަގީގަތާ ޚިލާފު ވާހަކަތައް މުޖުތަމައު ތެރެއަށް ދޫކޮށްލުމުން އުފެދެނީ އިޖުތިމާއީ ހަމަނުޖެހުން ކަމަށާއި، އޭގެ ސަބަބުން އާއިލާތަކުގެ ތެރޭގައި ޒާތީ ހަސަދަ އާއި ރުޅިވެރިކަން އުފެދިގެންދާކަމަށް ވިދާޅުވިއެވެ.

"ވެރިން ޖަވާބުދާރީކުރުވަން ދައްކާނެ ވާހަކަތައް ހުންނާނެ. ރައްޔިތުން ގަބޫލުކުރާ ފެންވަރުގެ ވާހަކަތައް ހުންނާނެ. އެހެންނަމަވެސް އަޅުގަނޑު މި ދެންނެވި އޭގެ ރީތި ގޮތުގައި އެކަން ކޮށްދެއްވާ،" ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާއަކީ ޖަވާބުދާރީވެވަޑައިގަތުމަށް ކެރިވަޑައިގަންނަވާ ވެރިއެއްކަން ފާހަގަކުރައްވައި، ސަރުކާރުގެ ފަރާތުން އިންތިހާބުވާ ކައުންސިލަރުންނަކީވެސް ރައްޔިތުންނަށް ޖަވާބުދާރީވާން ކެރޭނެ ބައެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.