ޒަކާތުގެ އެހީ ހޯދުން ފަސޭހަކޮށް، ކަރުދާސް މަދުކުރުމަށް "ޒަކާތު އަސްނާފު ކާޑު" ތަޢާރަފުކޮށްފި

ޒަކާތުގެ އެހީ ހޯދުން ފަސޭހަކޮށް، ކަރުދާސް މަދުކުރުމަށް "ޒަކާތު އަސްނާފު ކާޑު" ތަޢާރަފުކޮށްފި

Author
ޙަސަން މުޙައްމަދު
03 ފެބްރުއަރީ 2026 04:24
0

ޒަކާތުގެ ފައިސާއިން ފޯރުކޮށްދޭ އެހީގެ ކަންކަން ހަރުދަނާކޮށް، އެހީއަށް އެދޭ ފަރާތްތަކުގެ ކަރާމާތް ރައްކާތެރިކުރެވޭނެ ފަދަ ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން މޯލްޑިވްސް ޒަކާތު ހައުސްއިން "ޒަކާތު އަސްނާފު ކާޑު" ރަސްމީކޮށް ނެރެފިއެވެ. އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ކާޑު އިފްތިތާޙުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތަޢާރަފުކުރެވުނު މި ކާޑަކީ، ޒަކާތު ހައުސްގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ޒަމާނީ ފެންވަރަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. މި ކާޑު މެދުވެރިކޮށް، އެހީއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް މިހާރު ލިބެމުންދާ ޚިދުމަތްތަކާއި، ކުރިމަގުގައި ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ މަންފާ ފަސޭހަކަމާއެކު ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.

މި އައު ނިޒާމާއެކު ގެނެވުނު އެންމެ ބޮޑު އެއް ލުޔަކީ، އެހީއަށް އެދޭ ކޮންމެ ފަހަރަކު ތަކުރާރުކޮށް އަސާސީ ލިޔެކިޔުންތައް ހުށަހަޅަންޖެހޭ ޖެހުން ނިމުމަކަށް އައުމެވެ. ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، ދެން ލިޔެކިޔުންތައް އުފުލުމުގެ ބަދަލުގައި އަސްނާފު ކާޑު ބޭނުންކޮށްގެން އެންމެ ސްކޭނަކުން ވަގުތުން ޚިދުމަތް ލިބިގަނެވޭނެއެވެ.

ޒަމާނީ ޓެކްނޮލޮޖީއާ އެކު ކިއުއާރް ކޯޑު ހިމަނައިގެން ފަރުމާކޮށްފައިވާ މި ކާޑު ގުޅިފައިވަނީ އެހީ ލިބޭ ފަރާތުގެ ވެރިފައިޑް ޕްރޮފައިލްއާއެވެ. މީގެ ސަބަބުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް، އެ މީހަކީ ޝަރުޠުހަމަވާ މީހެއްކަން އަވަހަށް ކަށަވަރުކުރެވި، ޒަކާތުގެ ހައްޤުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހާމަކަން ބޮޑު، އަދި އިތުބާރު ހިފޭ ހަރުދަނާ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.