ކެނެބިސް ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ވިސާމްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

ކެނެބިސް ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ވިސާމްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

Author
ޙަސަން މުޙައްމަދު
02 ފެބްރުއަރީ 2026 01:33
0

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނެއްގެ މައްޗަށް، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާކުރުމަށް ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މައްސަލަ ފޮނުވައިފިއެވެ. މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ގަން، ތުނޑި، ޒެނިތު، ޙުސައިން ވިސާމްގެ މައްޗަށެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ވިސާމް ހައްޔަރުކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 23 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި އޭނާ ދިރިއުޅޭ ގެއާއި، އޭނާ ގެންގުޅޭ ކާރު ބަލާފާސްކުރިއިރު އެތަންތަނުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ފެނިފައިވެއެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަން، ދިވެހިރާއްޖޭގެ މަސްތުވާތަކެތީގެ ގާނޫނުގައި "ޓްރެފިކްކުރުން" ކަމަށް ބަލާ މިންގަނޑަށް ފެެެތެއެވެ.

މި މައްސަލައިގެ ޝަރުއީ މަރުހަލާގައި ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގާފައިވެއެވެ. އެގޮތުން، ތަހުގީގު ކުރިއަށް ދަނިކޮށް ވިސާމްގެ ބަންދުގެ މުއްދަތު ހަމަވާތީ ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް، އެ ނިންމުމަކީ ގާނޫނުތަކާއި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފު ނިންމުމެއް ކަމަށް ފެންނާތީ، ފުލުހުންގެ އެދުމުގެ މަތިން ޕީޖީ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. މި އިސްތިއުނާފާ ގުޅިގެން ހައިކޯޓުން ވަނީ ދަށު ކޯޓުގެ އަމުރު ބާތިލްކޮށްފައެވެ. އެއަށްފަހު، އަލުން ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މީގެ އިތުރުން، ގާނޫނީ އޮނިގަނޑަށް އަންނަ ބަދަލުތަކަށް ބަލާއިރު، އަންނަ މާޗު މަހުގެ ކުރީކޮޅުން ފެށިގެން އަމަލުކުރާ އިސްލާހުގައި ކެނެބިސް ހިމެނެނީ ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާ މަސްތުވާތަކެތީގެ ޖަދުވަލު 1 ގައެވެ. މި އިސްލާހުގެ ދަށުން ކެނެބިސްގެ 350 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފިނަމަ މަރުގެ އަދަބު ކަނޑައެޅިފައިވީ ނަމަވެސް، ޓްރެފިކް ކުރުމަކީ މަރުގެ އަދަބު ލިބޭ ކުށެއް ނޫންކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.