ދެ އަތޮޅެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 3 މީހަކު ހައްޔަރުކޮށްފި

ދެ އަތޮޅެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 3 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2020 02:37
0

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ދެ އަތޮޅެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި މަސްތުވާތަކެތި ހޯދައި އަދި ތިން މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ށ. ކޮމަންޑޫ ޕޮލިސް ސްޓޭޝަނާއި ނ. މަނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާފައިވާކަމަށެވެ. އެ އޮޕަރޭޝަނަކީ މާލެއިން ށ. އަތޮޅާއި ނ. އަތޮޅަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކޮމަންޑޫ ބަނދަރާއި ލޯންޗު ގާތްކުރި ވަަގުތު ފުލުހުން އެ ލޯންޗަަށް އަރައި ބަލައި ފާސްކުރިއިރު ލޯންޗު ތެރޭގައި ހުރި ކޮތަޅެއްގެ ތެރެއިން މަސްތުވާތަަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ސައިޒުގެ ދެ ކޮތަޅާއި ކުޑަ ރަބަރު ޕެކެޓެއްފެނިފައިވާކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން ތ. ހިރިލަންދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވެއެވެ. ހިރިލަންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނެއްގައި 34 އަހަރުގެ މީހަކާއި، 26 އަހަރުގެ މީހެއްގެ އިތުރުން 23 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އެ އޮޕަރޭޝަނުގައި، އެރަށު ފަޅުގެއެއްގެ ތެރެއިން މި ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 16 ކަރުދާސްކޮޅު ފެނިފައިވެެއެވެ.

މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.