ދިވެހިރާއްޖޭގެ މައިގަނޑު އިޤްތިޞާދީ ސިނާއަތްތައް ކުރިއެރުވުމަށާއި، ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ފޯރުކޮށްދިނުމުގެ މަޤްސަދުގައި އަލަށް އެކުލަވާލާ ތިން ކޮމެޓީއަކަށް މެމްބަރުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއުލާނުކޮށްފިއެވެ. ރައީސް އޮފީހުން ރޭ ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކޮމެޓީތައް އަމާޒުކޮށްފައިވަނީ ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމު ތިން ދާއިރާ ކަމަށްވާ ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ ދާއިރާ އަދި މަސްވެރިކަމުގެ ދާއިރާއަށެވެ.
މިގޮތުން އެކުލަވާލެވޭ ކޮމެޓީތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ޚާއްސަ "ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމެޓީ" އާއި، އިމާރާތް ކުރުމުގެ ސިނާއަތަށް ޚާއްސަ "ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމެޓީ" ހިމެނެއެވެ. މީގެ އިތުރުން، މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ފުޅާކޮށް ތަރައްޤީ ކުރުމަށް ލަފާދިނުމަށް "ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމެޓީ" ގެ ނަމުގައިވެސް ކޮމެޓީއެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮމެޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހިނގާ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބެން ހުންނާނެ ކަމަށާއި، އަދި އެ އޮފީހުގެ ރަސްމީ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ކޮމެންޓު ފޮނުވާ