އޮސްޓްރޭލިއާއަކީ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މުހިންމު ބައިވެރިއެއް: ޚަލީލު

އޮސްޓްރޭލިއާއަކީ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މުހިންމު ބައިވެރިއެއް: ޚަލީލު

Author
ހުސައިން
02 ފެބްރުއަރީ 2026 11:19
0

އޮސްޓްރޭލިއާއަކީ ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ، އިތުބާރު ހިފޭ ބައިވެރިއެއް ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އޮސްޓްރޭލިއާގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި ފޮޓޯ މަޢުރަޒެއް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ތަޢުލީމާއި، ޞިއްޙަތު އަދި ތިމާވެށި ހިމާޔަތްކުރުން ފަދަ ދާއިރާތަކުން އޮސްޓްރޭލިއާއިން ވެދެމުންދާ އެހީތެރިކަމަކީ ރާއްޖޭގެ ދިގު މުއްދަތުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. ޚާއްޞަކޮށް "އޮސްޓްރޭލިއާ އެވޯޑްސް" ޕްރޮގްރާމް މެދުވެރިކޮށް ދިވެހިންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދީ، އިންސާނީ ވަސީލަތް ބިނާކުރުމަށް ކޮށްދެއްވާ މަސައްކަތްތަކުގެ އަގު ވަޒީރު ވަޒަންކުރެއްވިއެވެ.

މީގެއިތުރުން، ފާއިތުވި އަހަރުތަކުގައި ދިފާޢީ އަދި ސަލާމަތީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކާއެކު ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ކުރިމަގުގައިވެސް މި ގުޅުން އައު ހަރުފަތަކަށް ދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވަޒީރު ވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްއަށާއި އެ ޤައުމުގެ ރައްޔިތުންނަށް ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.