ގެމަނަފުށީ ނަރުދަމާގެ މަސައްކަތް ނިންމަން 17 މިލިއަނަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

ގެމަނަފުށީ ނަރުދަމާގެ މަސައްކަތް ނިންމަން 17 މިލިއަނަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

Author
އަހުމަދު
01 ފެބްރުއަރީ 2026 06:07
0

ގއ. ގެމަނަފުށީގައި ހުއްޓިފައި އޮތް ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 17.6 މިލިއަން ރުފިޔާއަށް، ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ.

މި މަސައްކަތް ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.

މި އެއްބަސްވުމުގެ ދަށުން، ގެމަނަފުށީގައި ކުރިން ފަށައި ނުނިމި ހުރި ނަރުދަމާ ނިޒާމުގެ ބާކީ ހުރި ހުރިހާ މަސައްކަތްތައް އެމްޑަބްލިއުއެސްސީން ފުރިހަމަކުރަން ޖެހެއެވެ. އޭގެ ތެރޭގައި ޕަމްޕް ސްޓޭޝަންތައް ބެހެއްޓުމާއި، ރަށުގައި މީހުން އާބާދުވެފައިވާ ހުރިހާ ސަރަހައްދެއްގައި ނަރުދަމާ ހޮޅި ވަޅުލުމާއި، ސީ އައުޓް ފޯލް އެޅުން ހިމެނެއެވެ. މީގެ އިތުރުން ގޭބީސީތަކަށް ނަރުދަމާ ކަނެކްޝަން ގުޅައިދީ، މުޅި ނިޒާމު ޓެސްޓްކޮށް ކޮމިޝަން ކުރުމަކީ ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އާބާދީގައި 1300 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ގެމަނަފުށީގައި ފެނުގެ ނިޒާމު ގާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވަނީ 2023 ވަނަ އަހަރުއެވެ. މިހާރު ހަވާލުކުރެވުނު ނަރުދަމާގެ މަސައްކަތް ނިމުމުން، އެ ރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެއްކޮށް ފުރިހަމަވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.