އުރީދޫ މޯލްޑިވްސްގެ އައު ސީއީއޯއަކަށް ޝާޑީ ގަވަސްމީ އައްޔަންކޮށްފި

އުރީދޫ މޯލްޑިވްސްގެ އައު ސީއީއޯއަކަށް ޝާޑީ ގަވަސްމީ އައްޔަންކޮށްފި

Author
ޙަސަން މުޙައްމަދު
01 ފެބްރުއަރީ 2026 06:06
0

އުރީދޫ މޯލްޑިވްސްގެ ހިންގުން ހަރުދަނާކޮށް، އައު އުސްމިންތަކަކަށް ގެންދިއުމުގެ އަމާޒުގައި، އެ ކުންފުނީގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝާޑީ ގަވަސްމީ މިއަދު އައްޔަންކޮށްފިއެވެ. މިއީ ކުރިން އެ މަގާމުގައި ހުންނެވި ޚާލިދު އަލް ހަމާދީގެ ބަދަލުގައި ގެނައި ބަދަލެކެވެ.

ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގަވަސްމީ އުރީދޫ ގްރޫޕާ ގުޅިވަޑައިގަތީ 2015 ވަނަ އަހަރުއެވެ. އޭނާ ވަނީ އުރީދޫ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުކަމާއި، ސޭލްސް ޑިރެކްޓަރުކަމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް ފަދަ އިސް މަގާމުތައް ފުރުއްވާފައެވެ. އަދި އެ ކުންފުނީގެ މާކެޓް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީ ތައާރަފުކުރުމާއި ކުންފުނީގެ ހިންގުމުގެ ނިޒާމަށް ޒަމާނީ ހެޔޮ ބަދަލުތައް ގެނައުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

އުރީދޫއިން ހާމަކުރި ގޮތުގައި ގަވަސްމީގެ ލީޑަޝިޕްގެ ދަށުން ކުންފުނި އިތުރު ކުރިއެރުންތަކެއް ހޯދާނެކަމުގެ ޔަގީންކަން އެބައޮތެވެ. ޚާއްސަކޮށް ޑިޖިޓަލް ވަސީލަތްތަކާއި އައު އީޖާދުތައް މެދުވެރިކޮށް ދިވެހި މުޖުތަމަޢުގެ ދިރިއުޅުން ފާގަތިކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްތައް އޭނާގެ ބެލުމުގެ ދަށުން އިތުރަށް ހަލުވިވެގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.

މި ބަދަލާއެކު މަގާމުން ވަކިވެވަޑައިގަންނަވާ ޚާލިދު އަލް ހަމާދީ ވަނީ އުރީދޫ މޯލްޑިވްސްއަށް ގިނަގުނަ ކާމިޔާބީތަކެއް ހޯއްދަވައިދެއްވާފައެވެ. އޭގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފޯރުކޮށްދޭ ކަސްޓަމާ ކެއާ އެސިސްޓަންޓް "އެވީ" ތައާރަފުކުރުމާއި، މުޅި ރާއްޖެއަށް 100 އިންސައްތަ 4ޖީ ޕްލަސް ކަވަރޭޖް ފޯރުކޮށްދިނުން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން އާބާދީގެ 80 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާކުރުމާއި، "ޕީސް" ސަބްމެރިން ކޭބަލް ގާއިމުކުރުމާއި، ޓިއާ-3 ފެންވަރުގެ ޑޭޓާ ސެންޓަރެއް ގާއިމުކުރުމުގެ އިތުރުން ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓު ޚާއްސަ ކޭބަލަކުން ގުޅާލުމަކީވެސް ހަމާދީގެ ދައުރުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.