ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނުގެ ދަށުން، އައްޑޫ ސިޓީގައި ހަރަކާތްތެރިވާ "ސްކޫޕް" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ. މިއީ ގޭންގުތައް ހުއްޓުވުމަށް ތަންފީޒުކުރަން ފެށި އާ ގާނޫނުގެ ދަށުން، ގްރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.
މިދިޔަ ޖަނަވަރީ މަހުގެ މެދުތެރޭގައި ޕީޖީ އޮފީހުން މި މައްސަލަ ކޯޓަށް ހުށަހެޅީ، ފުލުހުން ހޯދާފައިވާ ހެކިތަކަށް ބަލާއިރު އެ ގްރޫޕުގައި ގޭންގެއްގެ ޝަރުތުތައް ފުރިހަމަވާކަމަށާއި، އެމީހުން އަދިވެސް ކުށްކުރުމުގައި ދެމިތިބިކަމަށް ފެންނާތީއެވެ. މި މައްސަލައިގައި ޕީޖީން ވަނީ އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަކުރެވުނު ނުވަ މީހަކީ ގޭންގުގެ މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.
މީގެ އިތުރުން، އެ ގްރޫޕާ ގުޅުންހުރި "އެސްކޭޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ސްޕޯޓްސް ކޮމިޝަނަރުގެ މައްޗަށް އަމުރުކޮށްދިނުމަށާއި، އައްޑޫގެ އެކި ސަރަހައްދުތަކުގައި ލިޔެފައިވާ "ސްކޫޕު" އަދި "އެސްކޭޕީ" ފަދަ ލިޔުންތައް ފޮހެލުމަށް ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ދައުލަތުން ވަނީ އެދިފައެވެ.
ގާނޫނު ބުނާގޮތުން ގޭންގެއް ކަމަށް ކަނޑައެޅުމުގެ ކުރިން، ދައުވާ ލިބޭ ފަރާތްތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޯޓުން ދޭންޖެހޭނެއެވެ. މީގެ ކުރިން ފުލުހުން ވަނީ އެހެން ގްރޫޕެއް ވެސް ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ފޮނުވާފައެވެ. ނަމަވެސް ތަހުގީގު ފުރިހަމަނުވާތީ ޕީޖީން އޭރު އެ މައްސަލަ އަނބުރާ ފޮނުވާލީއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ ރާއްޖޭގައި ގޭންގުތަކުގެ ހަރަކާތްތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ކޯޓަށް ބަލައިގަތުމާއެކު، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ގޭންގުތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ރަސްމީކޮށް މިވަނީ ފެށިފައެވެ.
ކޮމެންޓު ފޮނުވާ