ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 5 ގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ. މި ހާދިސާގައި 7 އެޕާޓްމަންޓެއްގައި ދިރިއުޅޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވަނީ 5 ދުވަހުގެ މުއްދަތަށެވެ. މި ފަރާތްތައް ވަގުތީ ގޮތުން ބަދަލުކުރަން ޖެހުނީ، އަލިފާނުގެ ސަބަބުން ލިބުނު ގެއްލުންތައް މަރާމާތުކުރުމަށް ވަގުތު ނަގާނެތީ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލާދީ އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން މައުލޫމާތު ދެއްވި ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޓަވަރުގެ ވައިގޮޅިއެއްގެ ތެރޭގައެވެ. މިކަމުގެ ސަބަބުން އެއްވެސް އެޕާޓްމަންޓެއްގެ އެތެރެއަށް އަލިފާނުގެ ސަބަބުން މާބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް، އިމާރާތުގެ މައި ފާޚާނާ ހޮޅިއަށް ވަނީ ގެއްލުން ލިބިފައެވެ. މައި ހޮޅިއަށް ލިބުނު ގެއްލުމާ ގުޅިގެން ބައެއް އެޕާޓްމަންޓްތަކުގެ ފާޚާނާ ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާކަން ހިސާން ފާހަގަކުރެއްވިއެވެ.
މިހާރު ކުރިއަށްދަނީ ލިބުނު ގެއްލުންތައް ދެނެގަނެ، ނަރުދަމާ ނިޒާމަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރަމުންދަނީ އެޗްޑީސީ، އެމްޑަބްލިއުއެސްސީ، ދިވެހި ފުލުހުން އަދި ސިފައިން ގުޅިގެންނެވެ. އެމްއެންޑީއެފުން ވެސް ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އަލިފާން ރޯވާން މެދުވެރިވި ސަބަބާ ގުޅޭ އިތުރު ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން އެންޑީއެމްއޭގެ ހިލޭ ގުޅޭ ނަންބަރު 115 އަށް ގުޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ހިޔާ ފްލެޓުތަކަކީ ބޮޑު އާބާދީއެއް ދިރިއުޅޭ ތަނަކަށްވާއިރު، މީގެ ކުރިންވެސް މިފަދަ އަލިފާނުގެ ހާދިސާތައް އެތަނުގައި ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ