ފ. ނިލަންދޫގައި ޓޫރިޒަމް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، އެ ރަށުގައި 50 އެނދުގެ ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ. މި މަޝްރޫއު ހިންގުމަށް ނިލަންދޫއިން ކަނޑައަޅާފައިވަނީ 13،300 އަކަފޫޓުގެ ބިމެކެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ބިމުގައި މަދުވެގެން 50 އެނދުގެ ނުވަތަ 25 ކޮޓަރީގެ ޖާގަ ހުންނަ ހޮޓަލެއް އިމާރާތްކުރަން ޖެހެއެވެ. މި ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. އަދި މަޝްރޫއު ހަވާލުކުރެވޭ ފަރާތަކުން އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ ތެރޭގައި ހޮޓަލުގެ އިމާރާތްކުރުމުގެ މަސައްކަތް ނިންމަން ޖެހޭނެއެވެ.
މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ލީސް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި މަދުވެގެން 50،000 ޑޮލަރު (ގާތްގަނޑަކަށް 7.7 ލައްކަ ރުފިޔާ) ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ބިޑު ސެކިއުރިޓީގެ ގޮތުގައި 5،000 ޑޮލަރުގެ ބޭންކު ގެރެންޓީއެއް ބަހައްޓަން ޖެހޭއިރު، ސީއެސްއާރުގެ ގޮތުގައި މަދުވެގެން 20،000 ޑޮލަރު ދޭން ޝަރުތުކޮށްފައިވެއެވެ. ސީއެސްއާރު ފައިސާ ދައްކަން ޖެހޭނީ އިމާރާތްކުރުމަށް ލިބޭ މުއްދަތުގެ ތެރޭގައި އިންސްޓޯލްމަންޓްތަކަށް ބަހާލައިގެންނެވެ.
ހޮޓާ އެޅުމަށް ދޫކުރާ ބިމުގެ ކުލި ނަގަން ފަށާނީ އަކަމީޓަރަކަށް 4 ޑޮލަރުގެ ރޭޓުންނެވެ. ފުރަތަމަ 10 އަހަރަށް މި ރޭޓުގައި ކުލި ނެގުމަށްފަހު، 11 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރަށް 10 އިންސައްތަ، އަދި 21 ވަނަ އަހަރުން 30 ވަނަ އަހަރަށް 15 އިންސައްތަ އިތުރުވާނެއެވެ. އަދި 31 ވަނަ އަހަރުން ފެށިގެން މުއްދަތު ހަމަވަންދެން ކުލި ބޮޑުކުރާނީ 20 އިންސައްތައިން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ އޮންލައިން ބައްދަލުވުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ. ބީލަން ފޮތް ދޫކުރުން ފެބްރުއަރީ 2 އިން ފެށިގެން މާޗު މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 1 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ.
ކޮމެންޓު ފޮނުވާ