ދިވެހިރާއްޖޭގެ ސްޕެޝަލް އިކޮނިމިކް ޒޯން (އެސްއީޒެޑް) ގެ އޮނިގަނޑުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އެންމެ ފުރަތަމަ ބިޔަ މަޝްރޫޢު ކަމަށްވާ "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން އެ މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ. ނ. އަތޮޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ، ޖުމްލަ 790 މިލިއަން އެމެރިކާ ޑޮލަރުގެ މި ބޮޑު އިންވެސްޓްމަންޓްގެ ބިންގާ އަޅުއްވައިދެއްވީ، އެކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ހުއްދަ ދޫކޮށްފައިވާ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރުގެ އިތުރުން ކުރަމާދޫ ހިމެނޭ ސަރަޙައްދުގައެވެ. ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ހަމައެކަނި ފަތުރުވެރިކަމުގެ ރިޒޯޓެއް ތަރައްޤީކުރުމަށްވުރެ ފުޅާ ދާއިރާއެއްގައި، ތަފާތު ޚިދުމަތްތަކެއް އެކުލެވޭހެން ފަރުމާކޮށްފައިވާ "ޓައުންޝިޕް" އެކެވެ. އެގޮތުން ދުނިޔޭގެ ފެންވަރުގެ ޒަމާނީ ހޮސްޕިޓަލަކާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ޓޫރިޒަމް ސްކޫލެއްގެ އިތުރުން، ރާއްޖޭގެ ކާބޯތަކެތީގެ ސެކިއުރިޓީ ކަށަވަރުކުރުމަށް އެހީތެރިވެދޭނެ އެކުއަކަލްޗަރ އަދި މެރިކަލްޗަރ ޒޯނެއްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަރުމާކޮށްފައިވާ މި މަޝްރޫޢުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މުޅި ތަނަށް ބޭނުންވާ ހަކަތައިގެ 60 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށް ނިންމާފައިވުމެވެ.
މި ތާރީޚީ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ވާދަވެރިކަން އިތުރުވެ، ފަތުރުވެރިންގެ ޝައުޤުވެރިކަން ހުންނަ ދާއިރާތައް ބަދަލުވަމުންދާ މި ދަނޑިވަޅުގައި، އައިލާ ފަދަ އުފެއްދުންތެރި މަޝްރޫޢުތަކަކީ ރާއްޖޭގެ އިޤްތިޞާދަށް ކޮންމެހެން މުހިންމު އިސްތިރާޖީ ފިޔަވަޅެކެވެ. އަދި މި މަޝްރޫޢާއެކު ރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލަން އަންނަ މަންޒިލެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ، ދިރިއުޅުމަށާއި އިންވެސްޓްކުރުމަށްވެސް އެކަށީގެންވާ ތަނެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން އައިލާ ސަސްޓެއިނަބަލް ޓައުންޝިޕްގެ މަސައްކަތްތައް ނިންމައި ޚިދުމަތް ދޭން ފެށުމަށެވެ. މުޅި އިންޑިއާ ކަނޑުގެ ސަރަޙައްދުގައިވެސް ނުފެންނަ ފަދަ ތަފާތު، ފުރިހަމަ ވަސީލަތްތަކާއެކު ތަރައްޤީކުރާ މި ޓައުންޝިޕް ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ އައު ބާބެއްގެ ފެށުން ކަމުގައި ސަރުކާރުން ސިފަކުރައްވައެވެ.
ކޮމެންޓު ފޮނުވާ