މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ނަގާ ފީތަކަށް ބޮޑު ލުޔެއް ދީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ފީތައް 50 އިންސައްތަ ކުޑަކޮށްދީފިއެވެ.
އެ އޮތޯރިޓީން އާންމުކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓްރީކުުރުމާއި ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އިންތިގާލީ އުސޫލުގެ ދަށުންނެވެ. އެގޮތުން މިއަދުން ފެށިގެން ދެ އަހަރު ދުވަހުގެ ނިޔަލަށް، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމަށް ނަގާ ފީއާއި އަދި ކެޓަގަރީ ފީ ދެބައިކުޅަ އެއްބަޔަށް ކުޑަވެގެންދާނެ ކަމަށް އެމްއެފްޑީއޭއިން ހާމަކުރެއެވެ.
މި ފީތަކަށް ލުއި ދީފައިވީ ނަމަވެސް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތައް އެ އޮތޯރިޓީން ގެންދަނީ ވަރުގަދަ ކުރަމުންނެވެ. ޚާއްސަކޮށް ފަހަކަށް އައިސް ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރާ މައްސަލަތައް އިތުރުވެފައިވާތީ، ޚިދުމަތްދޭ ތަންތަނުން އަމަލުކުރަންޖެހޭ އުސޫލުތައް ވަނީ ހަރުކަށިކޮށްފައެވެ.
މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވައިދުތައް ތަންފީޒުކުރުމުގެ މަސައްކަތް ވެސް އެ އޮތޯރިޓީން ދަނީ ކުރަމުންނެވެ. މިގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ކާބޯތަކެތި އިޝްތިހާރުކުރުމާ ގުޅޭ ހަރުދަނާ ގަވައިދެއް އެކުލަވާލައި، އެއާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައި އަމަލުކުރަން ފަށާފައެވެ.
ކޮމެންޓު ފޮނުވާ