ނ. ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި

ނ. ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި

Author
ހުސައިން
28 ޖެނުއަރީ 2026 09:12
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. ވެލިދޫގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދަވައި، އެ ރަށުގައި ސީ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ.

މި ޚިދުމަތް އިފްތިތާޙްކުރުމަށް ވެލިދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު މިޒްނާ ޢަލީއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ، މިއީ ރައީސްގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ރައްޔިތުންގެ ދުޅަހެޔޮކަމާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުން ދޭހަވަނީ ރައީސް ޑރ. މުޢިއްޒަކީ ވިދާޅުވާ ބަސްފުޅާ އެއްގޮތަށް ޢަމަލުން ނަތީޖާ ނެރެދެއްވާ، އަދި ވެވަޑައިގަންނަވާ ވަޢުދުތައް އަކުރުން އަކުރަށް ފުއްދަވާ ލީޑަރެއްކަން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ވެލިދޫގައި ޤާއިމްކުރެވުނު މި ޚިދުމަތާއެކު، ނ. އަތޮޅުގެ ރައްޔިތުންނަށް ޞިއްޙީ ކުއްލި ޙާލަތްތަކުގައި މިހާރަށްވުރެ އަވަސް އަދި ފުރިހަމަ ފަރުވާ ލިބޭނެކަމުގެ ޔަޤީންކަން ލިބިގެންދާނެކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. ދިފާޢީ ވުޒާރާއާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދާ ސީ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، މިއަހަރު ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މުޅިން އައު 9 ސީ އެމްބިއުލާންސް ވަނީ ހޯދާފައެވެ. މި އުޅަނދުތަކާއެކު އަތޮޅު ތެރޭގެ 9 ރަށެއްގައި މުޅިން އަލަށް ޚިދުމަތް ފެށުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ 3 ރަށެއްގައި އަލުން ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން މިހާރު އޮތް ފްލީޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަރން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފްގެ އިތުރުން ކުޅިވަރާއި، ޞިއްޙަތާއި އަދި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.