އައިސް އުވާލަން ގޮވާލުމުން އުފެދުނު ހިޔާލު ތަފާތުވުމެއްގައި އިލްހާން އުމަރަށް ހަމަލާދީފި

އައިސް އުވާލަން ގޮވާލުމުން އުފެދުނު ހިޔާލު ތަފާތުވުމެއްގައި އިލްހާން އުމަރަށް ހަމަލާދީފި

Author
ޙަސަން މުޙައްމަދު
28 ޖެނުއަރީ 2026 10:43
0

އެމެރިކާގެ ކޮންގްރެސްގައި މިނެސޯޓާގެ ފަސްވަނަ ޑިސްޓްރިކްޓް ތަމްސީލުކުރައްވާ މެމްބަރު އިލްހާން އުމަރު، އާންމުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޓައުންހޯލް ބައްދަލުވުމެއްގެ ތެރެއިން މީހަކު އޭނާއަށް ހަމަލާދީފިއެވެ. އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

މި ހާދިސާގައި އެތަނަށް ވަދެހުރި ފިރިހެނަކު ވަނީ އިލްހާންގެ ގަޔަށް ގޮތް ނޭނގޭ ދިޔާ އެއްޗެއް ޖަހާފައެވެ. ހަމަލާދިން މީހާގެ އަތުން އިތުރު ހަތިޔާރެއް ފެނިފައިނުވި ނަމަވެސް، މީހަކަށް ހަމަލާދިނުމުގެ ކުށުގައި އެ މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި އެ މީހާ މިކަން ކޮށްފައިވަނީ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސް) ގެ ހަރަކާތްތައް ހުއްޓުވުމަށް އިލްހާން ގޮވާލައްވަމުން ގެންދަވާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންނެވެ.

މި ހާދިސާ ހިނގާފައި މިވަނީ، މިނެސޯޓާގެ މިނިއެޕޮލިސްގައި އައިސްގެ އެޖެންޓުންގެ އަތުން އާންމުންގެ ދެ މީހަކު މަރުވުމާ ގުޅިގެން، އެކަމާ ދެކޮޅަށް މުޅި ސްޓޭޓްގައި މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ގަވާއިދާ ޚިލާފަށް އުޅޭ މީހުން ބޭރުކުރުމަށް 'އައިސް' ގެ ބޭނުން ހިފަމުންދާ ގޮތާއި، އެ އިދާރާގެ އޮފިސަރުންގެ ފަރާތުން ފެންނަމުންދާ އަނިޔާވެރިކަމާ މެދު އާންމުންގެ މެދުގައި ވަނީ ބޮޑެތި ނުތަނަވަސްކަން އުފެދިފައެވެ.

ސޯމާލިއާއަށް އުފަން މުސްލިމެއް ކަމަށްވާ އިލްހާން އުމަރަކީ އައިސްގެ އަމަލުތަކާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅާއެވެ. މިކަމާ ގުޅިގެން މީގެ ކުރިން ބޭއްވި ސިޔާސީ އެއްވުންތަކުގައި ރައީސް ޓްރަމްޕް ވެސް ވަނީ އިލްހާނަށް އަމާޒުކޮށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.