ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގައި އިންވެސްޓްކޮށްގެން ހިންގޭނެ އިގުތިސާދީ މަސައްކަތްތަކުގެ ލިސްޓަށް، ތެލާއި ގޭހުގެ އިތުރުން މިނެރަލް އެކްސްޕްލޮރޭޝަން ނުވަތަ މައުދަން ހޯދުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިތުރުކުރައްވައިފިއެވެ. އެސްއީޒެޑްގެ ގާނޫނުގެ ދަށުން އެފަދަ ޒޯންތަކުގައި ހިންގޭނެ ހަރަކާތްތައް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާއިރު، މީގެ ކުރިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައީސް ނެރުއްވި ގަރާރުގައި ހިމަނުއްވާފައި އޮތީ ހަމައެކަނި ގޭހުގެ މަސައްކަތްތަކެވެ. ނަމަވެސް، މިއަދު ނެރުއްވި ގަރާރާއެކު މި ލިސްޓު މިވަނީ ފުޅާކުރައްވާފައެވެ.
އަލަށް މި ގެނައި ބަދަލު ފިޔަވައި، އެސްއީޒެޑްގައި ކުރެވޭނެ ކަމަށް ކުރިން ކަނޑައަޅާފައިވާ އެހެން މަސައްކަތްތަކަށް މިއަދުގެ ގަރާރުން ބަދަލެއް ގެންނަވާފައެއް ނުވެއެވެ. މި ލިސްޓުގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ މަސައްކަތްތަކާއި، ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަރނޭޝަނަލް ލޮޖިސްޓިކްސް، ބަލްކް ބްރޭކިން އަދި ބަންކަރިން ޑޮކިންގެ ހިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން ޔުނިވަސިޓީ، ޓާޝަރީ އަދި ސްޕެޝަލިޓީ ހޮސްޕިޓަލްތަކާއި، ދުނިޔޭގެ ފެންވަރުގެ ރިސާޗް ފެސިލިޓީތަކާއި އައިސީޓީ ޕާކުތަކުގެ އިތުރުން، އިންޓަނޭޝަނަލް ފައިނޭންޝަލް އަދި ޓްރޭޑް ސެންޓަރުތައް ގާއިމުކުރުންވެސް ހިމެނެއެވެ. އަދި ރާއްޖޭގައި ނެތް އާ ޓެކްނޮލޮޖީއެއް ރާއްޖެއަށް ތައާރަފުކުރުމަށް ހިންގޭ މަސައްކަތްތައްވެސް މި ޒޯންތަކުގައި ކުރެވޭނެއެވެ.
އެސްއީޒެޑްގައި ހިންގޭނެ މަސައްކަތްތަކުގެ އިތުރުން، އެ މަޝްރޫއުތަކަށް އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރުވެސް ކަނޑައަޅުއްވަނީ ރައީސެވެ. އެގޮތުން، ސަސްޓެއިނަބުލް ޓައުންޝިޕް ތަރައްގީކުރުމުގެ މަޝްރޫއުތައް ފިޔަވައި، ދެން ހުރި ހުރިހާ ދާއިރާއަކުންވެސް އެންމެ ކުޑަވެގެން 100 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރަން ޖެހޭނެ ކަމަށް މީގެ ކުރިން ނެރުއްވި ގަރާރާއި މިއަދުގެ ގަރާރުގައިވެސް ވަނީ ކަނޑައަޅުއްވާފައެވެ. ސަސްޓެއިނަބުލް ޓައުންޝިޕް މަޝްރޫއުތަކަށް އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 500 މިލިއަން ޑޮލަރެވެ.
ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ތެޔޮ ފެނޭތޯ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޚާއްސަ ދިރާސާތަކެއް ކުރިއެވެ. ނަމަވެސް އެ މަސައްކަތުން އެދެވޭ ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. ތެލުގެ ދިރާސާތައް މީގެ ކުރިން ކޮށްފައިވީ ނަމަވެސް، ރާއްޖެއިން މިނެރަލް ނުވަތަ މައުދަން ހޯދުމަށް މީގެ ކުރިން މަސައްކަތް ކޮށްފައިވާކަން ރެކޯޑުތަކުން އެނގޭކަށް ނެތެވެ.
ކޮމެންޓު ފޮނުވާ