މާފަންނު ގެއެއްގެ ބިދޭސީން އުޅޭ ކޮޓަރިއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މާފަންނު ގެއެއްގެ ބިދޭސީން އުޅޭ ކޮޓަރިއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

Author
ހުސެއިން
27 ޖެނުއަރީ 2026 07:04
0

މާލޭގެ މާފަންނު އަވަށުގައި ހުންނަ "މަލީޝާ" ނަމަކަށް ކިޔާ ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ބިދޭސީން ދިރިއުޅެމުންދިޔަ ކޮޓަރިއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެ އިދާރާގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 14:54 ހާއިރުއެވެ.

ރިޕޯޓް ލިބުމާއެކު މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން ގާތްގަނޑަކަށް ބައިގަޑިއިރުގެ ތެރޭގައި ވަނީ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލާފައެވެ. ނަސީބަކުން މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ރޯވި ކޮޓަރިއަށާއި އެތަނުގައި ހުރި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. މާލޭގައި ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ ތަންތަނުގައި މީގެ ކުރިންވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައިވާއިރު، 2022 ވަނަ އަހަރު މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 ބިދޭސީއަކު މަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.