ސަރުކާރުން ރަށްރަށުގައި ހިންގަން ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއަޅައި، ސިޔާސީ ގޮތުން "ސަކަރާތް" ޖަހާނެ ބަޔަކު ކައުންސިލްތަކަށް އިންތިޚާބު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ. ޕީއެންސީގެ ކެމްޕެއިން ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް ފައިދާހުރި ގޮތަކީ ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ މަންދޫބުންތަކެއް އިޚްތިޔާރު ކުރުން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، ކައުންސިލްތަކަށް މެމްބަރުން ހޮވާއިރު ވިސްނަންޖެހޭ އެންމެ މުހިންމު ކަމަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދު ހުރަސްތައް ކުރިމަތިނުކުރާނެ ބަޔަކު ހޮވުންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ސިޔާސީ ޖަގަޑާ ހަދައި، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ބަޔަކަށް ފުރުޞަތު ދިނުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި، ކައުންސިލްތަކުގެ މަޤްޞަދަކަށް ވާންވާނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތްތައް އަވަސްކޮށްދިނުމެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ބާރުއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓުން އިންތިޚާބުވެއްޖެނަމަ، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައިދިނުމަށް ސަރުކާރަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ތަރައްޤީ ލަސްކޮށް، މަޝްރޫޢުތައް މަޑުޖައްސާލަން މަސައްކަތްކުރާ ބަޔަކު ކައުންސިލް ގޮނޑިތަކުގައި ތިބުމަކީ އެއްވެސް ރައްޔިތަކު އެދޭނެ ގޮތެއް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ސަރުކާރަކީ ޤައުމީ ފިކުރާއި ޤައުމީ ލޯތްބަށް އިސްކަންދޭ ސަރުކާރެއްކަން ހަނދާންކޮށްދެއްވައި، ކެމްޕެއިންގެ ކަންކަންވެސް އެ ވިސްނުމުގައި ކުރިއަށް ގެންދިއުމަށް ރައީސް ގޮވާލެއްވިއެވެ. އަދި ޤައުމީ ވިސްނުމުގައި ރައްޔިތުން ނުކުމެ، ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދެއްވުމަށް އެދިވަޑައިގަންނަވަމުން، މި މަސައްކަތުގައި މާތްﷲގެ ވާގިފުޅާއެކު ކާމިޔާބީ ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ