ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން ފަސްވުމުން، އެތަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އެބަ އޮތް: ނަޝީދު

ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން ފަސްވުމުން، އެތަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އެބަ އޮތް: ނަޝީދު

Author
ހުސައިން
24 ޖެނުއަރީ 2026 10:59
0

ފޯޅަވަހި ނުވަތަ ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ނަގަން އުޅުނު ވޯޓު ފަސްކުރުމާ ގުޅިގެން، އެ ސަރަހައްދުގެ ސިޔާދަތީ ބާރުވެރިކަން ދިވެހިރާއްޖެއަށް ލިބުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ޗާގޯސް ޖަޒީރާތައް މޮރިޝަސްގެ މިލްކިއްޔާތެއްގެ ގޮތުގައި ހަމަޖެއްސުމަށް އިނގިރޭސި ވިލާތުގެ ހައުސް އޮފް ލޯޑްސްއަށް ހުށަހެޅުނު ބިލަށް ވޯޓަށް އެހުން މިވަގުތަށް ވަނީ މަޑުޖައްސާލާފައެވެ. މިއީ ދިވެހިންނަށް ލިބުނު އުންމީދީ ޚަބަރެއްގެ ގޮތުގައި ސިފަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ފޯޅަވަހީގެ މައްޗަށް ދިވެހި ދައުލަތުގެ ބާރު ހިނގުމުގެ ފުރުސަތު އަދި މުޅިން ގެއްލިފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ދާދިފަހުން ވަނީ ވަރުގަދަ މެސެޖެއް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށްވުރެ ބޮޑަށް ހައްގުވަނީ ދިވެހިރާއްޖެއަށެވެ. ޖިއޮގްރަފީ ގޮތުން ބަލާއިރު ވެސް، މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއިސްއާ ފޯޅަވަހި އޮންނަނީ 1,300 މޭލު ދުރުގައެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ އެތަނާ ދެމެދު ހުރީ އެންމެ 310 މޭލުގެ ދުރުމިނެވެ. މިއީ އެ ރަށްތަކަކީ ރާއްޖޭގެ ތަބީއީ ބައެއްކަމަށް ދެކެވޭ ވާހަކައަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.

ތާރީޚީ ހެކިތަކަށް ބަލާއިރު ވެސް ފޯޅަވައްސާއި ދިވެހިންނާ ދެމެދު އޮތީ ޒަމާންވީ ގުޅުމެކެވެ. މޮރިޝަސްގައި އިންސާނުން ވަޒަންވެރިވުމުގެ ގަރުނެއްހާ ދުވަސް ކުރިން، 16 ވަނަ ގަރުނުގެ ދިވެހި ރަސްކަލުންގެ ފަތްކޮޅުތަކުން އެ ސަރަހައްދުގެ މައްޗަށް ދިވެހި ދައުލަތުގެ ބާރު ހިނގާކަން ސާބިތުވެއެވެ. މީގެ އިތުރުން، އެ ރަށްތަކުން ފެނިފައިވާ 900 އަހަރަށްވުރެ ގިނަ ދުވަސްވީ މަހާނަގާތަކުގައި ދިވެހި ބަހުން ލިޔެފައި ހުރުމަކީ، އެތަނުގައި ޒަމާނުއްސުރެ ދިވެހިންގެ ހަރަކާތްތައް ހުރިކަން އަންގައިދޭ ދިރިހުރި ހެއްކެކެވެ. އިނގިރޭސި ވިލާތުގެ މި ނިންމުމާއެކު، ތާރީޚީ އަދި ޖިއޮގްރަފީ ގޮތުން ރާއްޖެއާ ގުޅިފައިވާ ފޯޅަވަހި ހޯދުމަށް ކުރެވޭ މަސައްކަތަށް އިތުރު ދިރުމެއް ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.