މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މާލެ ސިޓީގައި "ދޮރުންދޮރަށް" ހިނގުމުގެ ޚާއްސަ ހަރަކާތެއް މިއަދު ފަށައިފިއެވެ. މާލޭގައި ހުންނަ ޕީއެންސީގެ މައި އޮފީސް ސަރަހައްދުން މިއަދު ހެނދުނު ފެށި މި ހަރަކާތަކީ، އެ ޕާޓީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، ސިޓީ ކައުންސިލްގެ އެހެނިހެން ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ ތާއީދު ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ކެމްޕެއިން ހަރަކާތުގެ ތެރެއިން ޕީއެންސީގެ ޓީމުތަކުން މާލޭގެ ހުރިހާ ސަރަހައްދެއްގެ ގޭބިސީތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޒިޔާރަތްތަކުގައި ކެންޑިޑޭޓުންގެ މެނިފެސްޓޯއާއި، ޕާޓީގެ ސިޔާސަތުތަކާ ގުޅޭ މުހިންމު މައުލޫމާތުތައް ރައްޔިތުންނާ ހިއްސާކޮށް، ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ގާތުން އަޑުއެހުމަށް މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.
މި ހަރަކާތް ފެށުމުގެ ގޮތުން، ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވަނީ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މިފަދަ ހަރަކާތްތައް ފެށުމަށް އިލްތިމާސް ކުރައްވާފައެވެ. މި ހަރަކާތާއެކު ޕީއެންސީން ވަނީ އިންތިހާބުގެ ފޯރި ގަދަކޮށް، ކެމްޕެއިންގެ މަސައްކަތްތައް ރަސްމީކޮށް ފުޅާކޮށްފައެވެ.
ކޮމެންޓު ފޮނުވާ