ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުން މިހާރު ބޭނުންކުރަމުންދާ ރަސްމީ ދަނޑު ކަމަށްވާ ގަލޮޅު ދަނޑު ތަޅާލައި، ރާއްޖޭގެ ރަސްމީ ސްޓޭޑިއަމް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގަލޮޅު ދަނޑަކީ ތާރީޚީ ގޮތުން މުހިންމު ތަނެއް ނަމަވެސް، ބައިނަލްއަޤްވާމީ ފެންވަރުގެ ސްޓޭޑިއަމެއް އެތަނުގައި ޤާއިމުކުރުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށެވެ. އެގޮތުން އެ ސަރަހައްދަކީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވުމާއެކު، ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ޕާކިންގ އާއި ޓްރެފިކް ބެލެހެއްޓުމަށް ދަތިތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ ބައިނަލްއަޤްވާމީ ޤައުމީ ސްޓޭޑިއަމް ހުޅުމާލޭ ފޭސް އެކަކަށް ބަދަލުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އާ ސްޓޭޑިއަމް ހުޅުމާލޭގައި ޤާއިމުކުރުމުން، ސްޕޯޓްސް ސެކިއުރިޓީއާއި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ދަނޑުގެ ކަންކަން ހަމަޖެއްސުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ގަލޮޅު ދަނޑު ތަޅާލި ނަމަވެސް، އެތަން ސްޓޭޑިއަމެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، އެތަން ތަރައްޤީ ކުރާނީ އާންމުންނަށް ވަދެވޭ، ކުޅިވަރު ކުޅެވޭ އަދި ފިޒިކަލް އެކްޓިވިޓީތަކަށް ޚާއްސަ ތަނެއްގެ ގޮތުގައި ކަމަށް ވެސް ރާފިއު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ "ހޯމް ގްރައުންޑް" ގެ ގޮތުގައި ދެން ބޭނުންކުރާނީ ހުޅުމާލޭގައި އަޅާ އާ ސްޓޭޑިއަމެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ޤައުމީ ޓީމުގެ މެޗުތައް ކުޅެމުން އައި ގަލޮޅު ދަނޑު ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. ދަނޑުގެ ބޭނުންކުރުން ރައްކާތެރި ނޫންކަމަށް ޕްލޭނިންގ މިނިސްޓްރީން އެންގުމާ ގުޅިގެން 2019 ވަނަ އަހަރުން ފެށިގެން ދަނޑުގެ ދެކުނު ފަރާތާއި އިރުމަތީ ފަރާތް ވަނީ ބަންދުކޮށްފައެވެ. އޭގެ ފަހުން 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެތަން ބޭނުންކުރި ނަމަވެސް، ދަނޑުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
ކުރީގެ ސަރުކާރުން ވެސް ވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގަލޮޅު ދަނޑު ތަރައްޤީކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އޭރުގެ މިނިސްޓަރު އަޙްމަދު މަޙްލޫފް، ދަނޑުގެ ކުރެހުންތައް އާންމުކުރައްވައި، ބަޖެޓުގައި ފައިސާ ހިމެނުއްވި ނަމަވެސް، އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ. އިންޑިއާއިން ދޭ 40 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ދަނޑު އެޅުމަށް އޭރު ހަމަޖެހިފައި އޮތް ނަމަވެސް، އެ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
ކޮމެންޓު ފޮނުވާ