ނިމިދިޔަ 2025 ވަނަ އަހަރު ދައުލަތަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން އަންދާޒާކުރި އަދަދާ ގާތަށްވެސް އާމްދަނީ ލިބިފައިނުވާކަން ފިނޭންސް މިނިސްޓްރީގެ ރަސްމީ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. ސަރުކާރުން މިދިޔަ އަހަރު އަމާޒު ހިފާފައި އޮތީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ހޯދުމަށެވެ. ނަމަވެސް އަހަރު ނިމުނުއިރު ލިބިފައިވަނީ 3.08 ބިލިއަން ރުފިޔާއެވެ. މިއީ އަންދާޒާކުރި އަދަދުގެ އެންމެ 67 އިންސައްތައެވެ. އެހެންކަމުން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ ބޮޑު ބައެއް، ނުވަތަ 33 އިންސައްތަ ވަނީ ނުލިބިއެވެ.
އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީ އަހަރު ފެށުނީއްސުރެ ދަށްކޮށް ހުރުމާ ގުޅިގެން މީގެ ކުރިން ނޫސްވެރިން ސުވާލު ކުރުމުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އޭރު ވިދާޅުވެފައިވަނީ ނަންބަރުތައް ބަލާލަން ޖެހޭނެ ކަމަށާއި، ނަމަވެސް އެއީ ޗައިނާއާއެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިމާވާ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބައެއް މެންބަރުން ފާހަގަކުރެއްވި ގޮތުގައި ޑިއުޓީ އާމްދަނީ އެހާ ބޮޑަށް ދަށްވުމުގެ މައިގަނޑު ސަބަބަކީ ސިނގިރޭޓުގެ އަގަށް ގެނައި ބަދަލެވެ. ސިނގިރޭޓު ފޮއްޓެއްގެ އަގު 240 ރުފިޔާއަށްވުރެ މައްޗަށް ދިއުމާ އެކު، ވަގަށް ސިނގިރޭޓު އެތެރެކުރުން އިތުރުވެ، ކަޅު ބާޒާރެއް އުފެދިފައިވާކަމަށް މެމްބަރުން ވިދާޅުވިއެވެ. މިކަމާ ގުޅިގެން މިނިސްޓަރު ސައީދު ފަހުން ވިދާޅުވެފައިވަނީ ޑިއުޓީން ގެއްލުނު ފައިސާއަށްވުރެ ސިނގިރޭޓު އަގު ބޮޑުކުރުމުން ލިބޭ ސިއްހީ ފައިދާ ބޮޑުވާނެ ކަމަށެވެ.
މި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެންގުޅުއްވަނީ ތަފާތު ޚިޔާލުފުޅެކެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިމްޕޯޓު ޑިއުޓީ ދަށްވީ ހަމައެކަނި ސިނގިރޭޓުގެ މައްސަލައަކުން ނޫނެވެ. އޭގެ މައިގަނޑު ސަބަބަކީ ގައުމުގައި ހިންގަންޖެހޭ އިގުތިސާދީ މަޝްރޫއުތައް ނުހިނގުން ކަމަށް ޔާމީން ވިދާޅުވިއެވެ. މަޝްރޫއުތައް މަޑުޖެހިފައިވާކަން ފިނޭންސްގެ ހިސާބުތަކުން ވެސް ދައްކައެވެ. އެގޮތުން މިދިޔަ އަހަރު މަޝްރޫއުތައް ހިންގުމަށް 12 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އަހަރު ނިމުނުއިރު ޚަރަދުކޮށްފައިވަނީ އެންމެ 8.6 ބިލިއަން ރުފިޔާއެވެ. މިއީ ބަޖެޓުކުރި ވަރަށްވުރެ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
ކޮމެންޓު ފޮނުވާ